ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު ވެގެންދާނީ ކަޑަޖެހުމާ ޓީބިލްގެ އަހަރަކަށް :ސަޢީދު

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަންނަ އަހަރު ވެގެންދާނީ ކަޑަޖެހުމާއި ޓީބިލްގެ އަހަރަކަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ދަރަނި ބޮޑު ބަޖެޓާ ގުޅޭ ގޮތުން ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މުޙައްމަދު ސަޢީދު ވިދާޅުވީ ބަޖެޓަށް ބަލާލާއިރު ފެންނަނީ ނުރައްކާތެރި މަންޒަރެއް ކަމަށާއި އެ ބަޖެޓުން ކުދި ވިޔަފާރިތަކަށް ވެސް ފުރުސަތެއް ނެތް ކަމަށެވެ. އެގޮތުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް ޓީބިލް ވިއްކުމުން ރާއްޖޭގެ ބޭންކުތަކުން އެކަމަށް އިޖާބަދީ ، ކުދި ވިޔަފާރިތަކަށް ފުރުސަތު ހަނިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓަށް ފާޑު ވިދާޅުވަމުން ސަޢީދު ވިދާޅުވީ އިގްތިޞާދު ދަށްވެ ، ޚަރަދު ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މިނިސްޓްރީތަކާއި ރައީސް އޮފީހުގެ ހިންގުމުގެ ޚަރަދަށް ، ކުރީ އަހަރުތަކަށް ވުރެ އެތައް މިލިއަން ރުފިޔާއެއް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހަށް 26 މިލިއަން ، ހޯމް މިނިސްޓްރީއަށް 25 މިލިއަން އަދި އެޓަރނީ ޖެނެރަލްގެ އޮފީހަށް 30 މިލިއަން އިތުރު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތާ ގުޅޭ ގޮތުން ސަޢީދު ވިދާޅުވީ އެމްޑީޕީގެ ނޫ އިގްތިސާދުގެ ތެރެއިން މަސް ފެކްޓްރީއާއި އޮފްޝޯ ޕްލެޓް ފޯމްތައް އެޅުމަކީ އެޕާޓީގެ ބޮޑެތި ވަޢުދުތައް ނަމަވެސް ، ސިޔާސީ މަގާމުތައް އެތައް ގުނައަކުން އިތުރުކުރާއިރު މަސްވެރިކަމަށް އޮތީ 13 މިލިއަން ޑޮލަރު ކަމަށެވެ.

މީގެ އިތުރުން އަތޮޅުތަކުގެ މަޝްރޫޢުތަކަށް ކުޑަ މިންވަރެއް ކަނޑައަޅުއްވާފައި ވާތީ ވެސް ސަޢީދު ވަނީ ފާޑު ވިދާޅުވެފައެވެ. އަންނަ އަހަރުގެ ބަޖެޓަކީ ނުރައްކާތެރި ބަޖެޓެއް ކަމަށް އެމްޑީޕީ މެމްބަރުން ވެސް ވިދާޅުވާ ކަމަށާއި ނަމަވެސް ބަޖެޓް ފާސްކުރުމުގެ ގޮތުން އެމްޑީޕީ މެމްބަރުންގެ ވޯޓް ހޯދުމަށް އެ މެމްބަރުންގެ ދާއިރާއަށް ކުޑަ މިންވަރެއް ، ބަޖެޓްގައި ޖެއްސެވީ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އެކަމަކީ އިތުރު ނުރައްކަލެއް ކަމަށް ވިދާޅުވަމުން އެކަމުގެ ނަތީޖާއަކަށް ވާނީ ކަޑަޖެހުމުގެ ސަގާފަތް އަލުން ފެށުން ކަމަށް އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ، ކަޑަ ޖެހުމުގެ ސަގާފަތް ނިންމެވީ ރައީސް ޔާމީން ، ރަށްރަށުގައި ތިރީހަކަށް އަހަރު ވެގެން ދިޔަ ، ކަޑަ ޖައްސަވާނެ ދެ ފަހަރު، ތިން ފަހަރު،ހަތަރު ފަހަރު ، ކަމެއް ނުވާނެ ، އަނެއްކާ އަލުން އަނބުރާ އެ ސަގާފަތް މި ގެނައީ ، ރަށަކަށް ހަތަރު މިލިއަން ރުފިޔާ ، ފަސްމިލިއަން ރުފިޔާ ދިނީމަ އަންނަ އަހަރު ކަޑަ ޖަހާނީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ، މަޝްރޫޢުތަކެއް ނުނިމޭނެ" ސަޢީދު ވިދާޅުވިއެވެ.

މުޙައްމަދު ސަޢީދު ވިދާޅުވީ އިގްތިސާދު ރޭޓް ކުރާ އިދާރާއެއް ކަމަށްވާ ފިޗުން ބުނެފައި ވަނީ ރާއްޖޭގެ މާލީ ނިޒާމު ވަނީ "ޖަންކުގައި"ގައި ކަމަށާއި ދަރަނީގެ މައްޗަށް ދަރަނި ޖަހަމުން ނުގެންދިޔުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި ޖީ20 ގައި ހިމެނޭ ހުރިހައި ގައުމެއްހެން ރިކޮމެންޑް ކުރަނީ ދަރަނި ބޮޑު މި ބަޖެޓް މިގޮތަށް ފާސް ނުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!