އައްޑޫ ސިޓީގައި ޕިކަޕެއްގައި ރޯވި މައްސަލައެއް ފުލުހުން ބަލަނީ

އައްޑޫސިޓީގައި ރޭ ދަންވަރު ޕިކަޕެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ހައި ސްކޫލް ކައިރީގައި ހުންނަ ކާ ސާވިސް އޮޓޯ ރިޕެއާ ސާވިސް ގަރާޖު ކުރިމަތީގައި ބާއްވާފައި އޮތް ޕިކަޕެއްގައި ރޭ 12:56 ހާއިރު އަލިފާން ރޯވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރޯވި ޕިކަޕުގެ އަލިފާންގަނޑު ނިއްވާލާފައި ވަނީ އެސަރަޙައްދުގައި އެވަގުތު އުޅުނު އާންމުން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން އެޕިކަޕުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.