ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހު އާދަޔާ ހިލާފަށް ވައި ގަދަވާނެ،ހަވީރުން ފެށިގެން ދަތުރު ކުރުން ހުއްޓާލަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާނާއި ރާއްޖޭގެ ދެކުނު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދަށް އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފިއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ސްރީލަންކާގެ އިރު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ "ބުރެވި" ތޫފާނާއި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަަބުން މުޅި ރާއްޖެ ސަރަހައްދަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ރާއްޖެ ސަރަހައްދުގައި ވިއްސާރަ ވިލާ އުފެދިފައިވާ ކަމަށެވެ. ރާއްޖޭގެ ދެކުނުގައި އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ވެސް އަންނަނީ ބާރު ގަދަވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރެވި ތޫފާނު އަސަރު ރާއްޖެއަށް ހަވީރު ކުރާނެ ކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ ހުރިހާ ކަނޑުދަތުރުތައް ހަވީރުން ފެށިގެން ހުއްޓާލުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް ބަލާއިރު، އެންމެ ދެކުނުގެ ބައެއް ރަށްރަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކަށް ގުގުރައި، ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ. ވިލާގަނޑުގައި 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

"އާންމުކޮށް ވައި ޖެހޭނެ ކަމަށް ބެލެވެނީ 15-25 މޭލުގެ ބާރުމިނެއްގައި،" އޭނާ ވިދާޅުވި އެވެ.މިކަމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވާން އޭނާ އެދިވަޑައިގަތެވެ.

މިތޫފާނާ ގުޅިގެން މެންދަމު ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!