ޚަބަރު

ކޮވިޑް-19: ރާއްޖޭގައި ކަރަންޓީނު ވާންޖެހޭ މުއްދަތު ކުރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކަރަންޓީނު ވާން ޖެހޭ މުއްދަތު 10 ދުވަހަށް ކުރު ކޮށްފައިވާކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.

Ads by STELCO

އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާފައިވާ މުއްދަތު ވަނީ 10 ދުވަހަށް ކުރުކޮށްފައެވެ. މި މުއްދަތަށް ފަހު ކަރަންޓީނުން ދޫކުރާނީ ފީ.ސީ.އާރް ނައްސި ނަތީޖާއަކާއެކުގައެވެ.

މީގެ ކުރިން މި ފަރާތްތައް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަޖައްސާނީ 2020 ޑިސެންބަރު 04 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ. މި ތާރީޚްގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކުރިން ކަނޑައެޅިފައިވާ ގޮތަށް 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީ.ސީ.އާރް ޓެސްޓުގެ ނައްސި ނަތީޖާއާ އެކުގައެވެ.

މީގެ އިތުރުން ވެސް މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިނެއް ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.

އަދި .ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72ގަޑިއިރު ނުވާ ނައްސި ޕީ.ސީ.އާރް ނަތީޖާއަކާއެކު ދަތުރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

 

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!