ހާއްސަ ހުއްދައިގައި މާލެއިން އަތޮޅު ތެރެއަށް ދެން ދެވޭނީ ނައްސި ނަތީޖާއަކާއެކު
ހާއްސަ ހުއްދައިގެ ދަށުން ދެން މާލެއިން ރަށްރަށަށް ދެވޭނީ ކޮވިޑް-19އަށް ޓެސްޓުކުރުމަށް ފަހު ނަތީޖާ ނައްސިވުމުން ކަމަށް އެޗްޕީއޭއިން ނިންމައިފިއެެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72ގަޑިއިރު ނުވާ ނައްސި ޕީ.ސީ.އާރް ނަތީޖާއަކާއެކު ދަތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އަދި މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިނެއް ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.
އަދި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާފައިވާ މުއްދަތު ވަނީ 10 ދުވަހަށް ކުރު ކޮށްފައެވެ. މި މުއްދަތަށް ފަހު ކަރަންޓީނުން ދޫކުރާނީ ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކުގައެވެ.