ރިޕޯޓް

2020ވަނަ އަހަރު ވެސް ނިމެނީ: މުޅި ދުނިޔެ ކުޑަކަކޫ ޖެހުވީ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވައިރަހެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

2020 ވަނަ އަހަަރުގެ ފެށުން ވެސް ގިނަ ބަޔަކު ފާހަގަ ކުރީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ފެށިގެން ދިޔަ އައު އަހަރަށް އެތައް އުއްމީދުތަކެއް ކުރަމުންނެވެ. ގިނަ ކަންތައްތަކެއް މި އަހަރު ތެރޭގައި ކުރުމަށް އެތައް ބަޔަކު ރޭވިއެވެ. ދިރިއުޅުމުގައި ކުރަން ޖެހޭ ބޮޑެތި އެތައް ކަމެއް ކުރުމަށް ތާރީހު ކަނޑައެޅިއެެވެ. ކައިވެނި ކުރާނެ ތާރީހު ތަކާއި ދަތުރުތައް ދިއުމާއި މި ނޫން ވެސް އެތައް ކަމެކެވެ.

Ads by MWSC

2020 ވަނަ އަހަރު ފެށިގެން ދިޔައީ ވެސް އެތައް ބަޔަކު ހިނިތުން ކުރުވަމުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ގޮތް ގޮތަށް އައު އަަހަރު ފާހަގަ ކުރަމުންނެވެ. ގިނަ ބަޔަކު އައު އަހަރު ފެށީ ގިނަ ކަންތައްތަކެއް ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ކަށީގައި ހަރުލާފައިވާ  ނުރަނގަޅު ބައެއް އާދަތައް ދޫކޮށްލުމަށް ވެެސް ނިންމައިގެންނެވެ.

2020 ވަނަ އަހަރޭ ބުނުމުން އަބަދުވެސް ހަނދާން ވަނީ ވިހިވިހީގެ ތަސައްވަރެއްގެ ވާހަކައެކެވެ. ހުރިހާ ގޮތަކުން ވެސް ދުނިޔެ ކުރި އަރައިގެން ދާނެ ކަމަށް މޮޅެތި ލިޔުންތެރިންނާއި ހޯދުންތެރިން ވެސް ދުއްޓެވެ. އެމީހުންގެ ފޮތްތަކުގައި އަދި ދިރާސާތަކުގައި ހިމެނި ވާހަކަތަކަކީ 2020 ވަނަ އަހަރު ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. "އުުދުހޭ" ކާރު ތަކާއި ހުރިހާ ކަމެއް ކުރުމަށް އުފައްދާ ރޮބޮޓު ތައް ދުނިޔެއަށް އުފަން ވެގެން ދާނެ ކަމަށެވެ.

ސުވާލަކީ ކަންތައްތައް ވެގެން މި ދިޔައީ މޮޅެތި ލިޔުންތެރިން އެމީހުންގެ ފޮތްތަކުގައި އަންދާސާ ކޮށް ލިޔުނު ގޮތަށް ބާވައެވެ. އަދި މޮޅެތި ހޯދުންތެރިން ކުރި ދިރާސާތަކާ އެއްގޮތްވާ ގޮތުގެ މަތީން ބާވައެވެ. އަޅުގަނޑަކަށް ހިޔެއް ނުވެއެވެ. ސަބަބަކީ މުޅި ދުނިޔެ ކުޑަކޮށްލީ އިންސާނާގެ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވައިރަސް އެއް ކަމަށް ވާތީއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ކަމަށް ދައުވާ ކުރާ ގައުމުތައް ވެސް އެ ކުޑަކުޑަ ވައިރަސްގެ ކުރިމަތީގައި ޖެހީ ކުޑަކަކުލެވެ. ކޮރޯނާ ވައިރަސްގެ ކުރިމަތީގައި އެ ގައުމުތައް ވެސް "ސައިޒު" ވީއެވެ.

ކޮރޯނާ ވައިރަސްގެ އާލަމީ ވަބާގެ އަަސަރު ނުކުރާ ގައުމެއް މަދެވެ.އެ ވައިރަހުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހީއެވެ. ގައުމުތަކުގެ އިގްތިސާދަށް ހީނަރުކަމެއް ގެނުވީއެވެ. އެތައް ބައެއްގެ އަތްމަތި ދަތިވީއެވެ. އެތައް ބަޔަކު ވަޒީފާ ގެއްލި މަގުމަތިވީއެވެ. އެތައް ބަޔަކު ނަފްސާނީ ބަލިމަޑު ކަމަކަށް ދިޔައީއެވެ. އެތައް ފުރާނައެއް އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި އެ ބަލީގައި މަރުވެގެން ދިޔައީއެވެ.

މާސްކު އަޅަން މަޖުބޫރުވެ އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހުނީއެވެ. ކުރިން އުޅުނު އާންމު ދިރިއުޅުން ބަދަލުވެ "އައު" އާންމު ހާލަތަކަށް މުޅި ދުނިޔެ ދިރިއުޅެން ދަސް ކުރަން ޖެހުނީއެވެ. އެކަކު އަނެކަކަށް ޒިޔާރާތް ކުރުމާއި ސަލާމް ގަލާމް ކޮށް އުޅުން ހުއްޓުވާލީއެވެ. މިސްކިތްތައް ބަންދުކުރަން ޖެހުނީއެވެ. ގިނަ ގައުމުތަކެއް ފުރަބަންދުގެ ހާލަތަކަށް ދާން ޖެހުނީއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 64 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 41.2 ބިލިއަނަށްވުރެ ގިނަ މީހުން ބަލިން ސަލާމަތް ވެފައި ވީ ނަމަވެސް 1.48 މިލިއަން މީހުން ވަނީ މި ބަލީގެ ޝިކާރައަށް ވެ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. ހަމަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުންނެވެ.

އަޅުގަނޑުމެން 2020 ވަނަ އަހަރަށް ރޭވި ހުރިހާ ރޭވުމެއް ފެނަށް ވެގެން ދިޔައީ ހަމަ މި ވައިރަސް ގެ ސަބަބުންނެވެ. އެތައް ބަޔަކު ދުށް ހުވަފެންތައް ބިލާހަކަށް ވެގެން ދިޔައީ ވެސް މި ލޮލަށް ނުފެންނަ ވައިރަސްގެ ސަބަބުންނެވެ. އެތައްބަޔަކު ކުރަމުންދިޔަ އިންތިޒާރުތަކާއި ކުރަމުން ދިޔަ އުއްމީދުތައް ވިއްސިވިހާލި ވެގެން ދިޔައީވެސް ހަމަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުންނެވެ.

ހާމަވެގެން ދިޔައީ ކޮންކަމެއް ހެއްޔެވެ؟ 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް ދަސްކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟ 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް ނަގައިދިނީ ކޮން ފިލާވަޅެއް ހެއްޔެވެ؟ އެތައް ބައިވަރު ކަމެކެވެ. އިންސާނާގެ ނިކަމެތިކަން އަޅުގަނޑުމެންނަށް އެނގި ހާމަވެގެން ގޮސްފިއެވެ. ﷲ ތައާލާގެ ކުޅަދުންވަންތަވެރިކަން ފެނިގެން ގޮސްފިއެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއް މުޅި އިންސާނީ ނަސްލު ބިރުވެރިކަމެއްގެ ތެރެއަށް ގެނުވީއެވެ. ތަދުބީރަށް ބާރެއް ނެތްކަމާއި ތަގުދީރަކީ ވާ އެއްޗެއްކަން ދަސްވެގެން ގޮސްފިއެވެ.

މިއަދު 2020 ވަނަ އަހަރު ނިމުމަށް އޮތީ މަހެއްހާ ދުވަހެވެ. އައު އަހަރަކާ އަޅުގަނޑުމެން އަނެއްކާ ވެސް ކުރިމަތިލަނީއެވެ. 2020 ވަނަ އަހަރު ފެށުނު އިރު އަޅުގަނޑުމެންނާއެކު ތިބި އެތައް ބަޔަކު މިއަދު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފިއެވެ. 2021 ވަނަ އަހަރު އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނީ ކޮންކަހަލަ ކަންތައްތަކަކާ ބާވައެވެ. އަޅުގަނޑުމެންނަށް ފެންނާނީ ކޮންކަހަލަ މަންޒަރުތަކެއް ބާވައެވެ. ކުރިމަތިލާން ޖެހޭނީ ކޮންކަހަލަ އިމްތިހާނުތަކަކާ ބާވައެވެ.

އުއްމީދު ކުރެވެނީ 2021 ވަނަ އަހަރަކީ އަޅުގަނޑުމެން އެންމެންގެ ދިރިއުޅުން ވެސް އުޖާލާ ވެގެން ދާނެ އަހަރެއް ކަމަށް ވާނެ ކަމަށެވެ. އަޅުގަނޑުމެން އެންމެންގެ ދުއާއަކީ ވެސް އެއީއެވެ. ކޮވިޑް-19ގެ ވެކްސިނެއް އަޅުގަނޑުމެންނާ ހަމައަށް އައިސް މި ބިރުވެރިކަން އަޅުގަނޑުމެންގެ މި ގައުމާއި މުޅި ދުނިޔެ އިން ވެސް ފިލައިގެން ދިޔުމެވެ. އާދޭހެވެ. 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް އެތައް ފިލާވަޅުތަކެއް ނަގައިދީފިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!