ލައިފްސްޓައިލް

ހުނުމަކީ ހަމަ ނިދި ލިބުމަށް މަގުފަހި ކުރުވާ ކަމެއްތަ؟ ޖަވާބު މިއޮތީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އާންމު ދިރިއުޅުމުގައި އުޅޭއިރުގައި ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭ އެތައް ކަމަކާ ކުރިމަތިވެއެވެ. ހާސްވެ ކަންބޮޑުވާ އެތައް ކަމަކާ ދިމާވެއެވެ. ދެރަވެ ހިތާމަ ކުރަން ޖެހޭ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ދިރިއުޅުމުގައި އަޅުގަނޑުމެން ވަރަށް ގިނައިން "ސްޓްރެސް" ވެފައި ތިބެން ޖެހެއެވެ. ކަން މިހެން ހުރި އިރު މިކަންކަމުން ސަލާމަތް ވާން ގިނަ ބަޔަކު އެތައް ފަރުވާއެއް ކުރެއެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު މިކަމުގެ ފަރުވާ އަކީ އަގުބޮޑެތި ތެރަޕީ ތަކެއް ނޫނެވެ. މިކަމަށް އޮތް ހައްލަކީ އުފާވެރި ހިނިތުންވުމެކެވެ.

ހިނިތުންވުމުގެ ސަބަބުން ތިބާގެ ސްޓްރެސް ފިލުމުގެ އިތުރުން ވެސް އެތައް ފައިދާތަކެއް ލިއްބައިދެއެވެ. އެގޮތުން، އަރާމު ނިންޖެއް ނިދުމަށް ވެސް މަގުފަހި ވެގެންދާ ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ސާބިތު ވެފައެވެ. ލަންޑަންގެ ކިންގްސް ކޮލެޖް ނަމަކަށް ކިޔާ ކޮލެޖެއްގައި ކުރިއަށް ގެންދިޔަ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ލިބުނު ހާސްކަމާއެކު 63 އިންސައްތަ މީހުން ވަނީ އެމީހުންގެ އަރާމު ނިދިން މަހުރޫމް ވެފައެވެ.

ނެރީނާ ރަމްލަޚާން ނަމަކަށް ކިޔާ ޑޮކްޓަރަކު ވިދާޅުވާ ގޮތުގައި މީހާ ހާސްވެ ކަންބޮޑުވެ ދިރިއުޅުމުގައި ދަތި އުނދަގޫ ހާލަތަކާ ކުރިމަތިވާ ހިނދު އަމިއްލައަށް އުފާވެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެނީ އޭގެ ސަބަބުން ނަފްސާނީ ބަލި މަޑުކަމުން ސަލާމަތްވެ ރަނގަޅު ނިންޖެއް ލިބުމަށް މަގުފަހި ވެގެން ދާތީއެވެ.

ހުނުމަކީ ހާސްކަމާއި ކަންބޮޑުންތައް ފިލުވާލަދީ އަދި ހަށިގަނޑު "ރިލެކްސް" ކޮށްދޭ ކަމެއް ކަމަށް ވެސް މި ދިރާސާއިން ވަނީ ސާބިތު ވެފައެވެ. އަދި ރަނގަޅަށް ނުނިދުމަކީ ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެން ދާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމުގައި ދަތި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.

އެހެންކަމުން، މަޖާ ކޮންމެވެސް ފިލްމެއް ބަލައިގެން ނުވަތަ ރައްޓެއްސަކަށް ގުޅާ ވާހަކަ ދައްކާލައިގެން ނުވަތަ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައިގެން ހިނިތުންވެވޭތޯ ބަލާށެވެ. ހިނިތުންވުމަކީ އަރާމު ފުރިހަމަ ނިންޖަކަށް މަގު ފަހިކޮށްދޭ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!