ޚަބަރު

މިހާރު ދަނީ ބަލި ކޮންޓްރޯލް ކުރެވެމުން، ވަރަށް އަވަހަށް ވެކްސިން ލިބޭނެ: ޑރ. ޝާހު މާހިރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 މިހާރު އަންނަނީ ކޮންޓްރޯލް ވަމުން ކަމަށާއި ވަރަށް އަވަހަށް ވެކްސިން ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. ޝާހު މިހެން ވިދާޅުވީ "ރާއްޖެޓީވީ" އަށް ދިން އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ޝާހު ވިދާޅުވީ ކޮވިޑް-19 ގެ ތަފާސް ހިސާބުތައް އެއްދުވަހާ އަނެއް ދުވަހަށް ތަފާތުތަކެއް ހުރި ނަމަވެސް، ރާއްޖޭގައި މިހާރު މި ބަލި ދަނީ ކޮންޓްރޯލް ކުރެވެމުން ކަމަށެވެ. ޝާހު ވަނީ ރާއްޖޭގައި ބަލި ކޮންޓްރޯލް ވުމުގެ ސަބަބެއްގެ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ މާކުރިން ރާއްޖެއިން ބައެއް މުހިއްމު ފިޔަވަޅުތައް އެޅި ކަމަށާއި އެގޮތަށް ކަންކަން ބައްޓަން ކުރުން ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން ވާހަކަ ދަައްކަވަމުން ޝާހު ވިދާޅުވީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީންނާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާ ގުޅިގެން އުފެއްދި ކޮވިޑް ވެކްސިނާއި އެމެރިކާގެ މޮޑަރނާ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ވެކްސިން ރާއްޖެއަށް ލިބެންވާއިރަށް ސްޓިއަރިންގ ކޮމިޓީއެއް އުފައްދައި، އެ ތައްޔާރީތައް ވަމުން އަންނަ ކަން ފާހަގަކޮށް ޝާހު ވިދާޅުވީ މިހާރު ވެކްސިން ދިނުމުގެ ބެލެވޭނެ ވެކްސިން ދިނުމުގައި އިސްކަންދޭނެ އުމުރުފުރާތަކާއި ކެޓަގަރީތައް ދެނެގަނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާތީ އާބާދީގެ 20 އިންސައްތަ މީހުންގެ ގަޔަށް ޖަހާ ވަރަށް ހިލޭ ވެކްސިން ލިބޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!