ޚަބަރު

ރާއްޖެއިން ހޯދަން މަސައްކަތް ކުރަނީ އޮކްސްފޯޑާއި މޮޑާނާ ވެކްސިން: ހެލްތު މިނިސްޓްރީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ހޯދަން މަސައްކަތް ކުރަމުން އަންނަނީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިން އާއި މޮޑާނާއިން އުފައްދާ ވެކްސިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

ރާއްޖެޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން އުފައްދަމުންދާ ގިނަ ވެކްސިންތައް މިހާރު ހުރީ ތިންވަނަ ފިޔަވަހީގެ ޓްރަޔަލް މަރުހަލާގައި ކަމަށާއި އަދި އެއްވެސް ވެކްސިނެއް މުޅިން ފުރިހަމަ ނުކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާ ވެކްސިނާއި އެމެރިކާގެ މޮޑާނާ ވެކްސިނަކީ ރާއްޖެއަށް އެންމެ އެކަށޭނަ ވެކްސިން ކަމުގައި ވެސް ޑރ. ޝާހު ވިދާޅުވެފައިވެއެވެ.

ސަބަބަކަށް ވަނީ އެ ވެކްސިން ބަހައްޓަން ޖެހޭ ފިނި ހޫނުމިނާއި ތަންތަނަށް ގެންދިޔުމުގައި ހުރި ފަސޭހަކަން ކަމަށް ވެސް ހެލްތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

"އެންމެ ކުރީގައި އުޅޭ ވެކްސިންގެ ތެރޭގައި އެސްޓްރަޒެނިކާ ވެކްސިންއާއި މޮޑާނާ ވެކްސިން، މި ދެ ވެކްސިން އެންމެ ޕްރޮމިސިން، ރާއްޖޭގެ މާހައުލަށް ބަލާފައި އަދި އެ ބަހައްޓަން ޖެހޭ ފިނިކަމަށާއި ހުރިހާ ކަމަކަށް ބަލާފައި އެންމެ އެކަށީގެންވާ، އެންމެ އެފެކްޓިވް ވެކްސިނެއް ގޮތުގައި މި ދެ ވެކްސިން ރާއްޖެއަށް ލިބޭތޯ މަސައްކަތްކުރަމުން މިގެންދަނީ. އެ ދެ ވެކްސިން އެންމެ އަވަހަށް ރާއްޖެއަށް ލިބޭނެ" ޑރ. ޝާހު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުގެ އަޕްޑޭޓަށް ބަލާލާއިރު އެންމެ ކާމިޔާބު ވެކްސިނެއް ކަމުގައި ލަފާ ކުރެވިފައިވަނީ މޮޑާނާ ވެކްސިނެވެ. މޮޑާނާއިން 94% މީހުން ރައްކާތެރި ކޮށްދޭނެކަމަށް އެންމެ ފަހުން ހެދި ޓެސްޓުތަކުން ވެސް ހާމަވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!