ރިކަވަރީ ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް 555.7 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި ނޮވެމްބަރ 26ގެ ނިޔަލަށް 885 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މިހާތަނަށް 395 ފަރާތަކަށް 555.7 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މި ލޯނަށް އެދި ޖުމްލަ 594 ފަރާތަކުން ފޯމް ހުށައެޅި ނަމަވެސް، ލޯން އެޕްރޫވަލް ލިބުނީ 417 ފަރާތަކަށެވެ. އޭގެ ތެރެއިން 395 މީހުންނަށް ލޯނު ދޫކޮށްފައިވާއިރު، 17 ފޯމެއް ވަނީ ރިޖެކްޓް ކޮށްފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު، 1,969 ފަރާތްތަކަށް 329.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 615 ފަރާތަކަށް ދޫކޮށްފައިވާ 18.4 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދު ފަންތީގެ 1,354 ވިޔަފާރިތަކަށް ދޫކޮށްފައިވާ 310.9 މިލިއަން ރުފިޔާގެ ލޯނެވެ. މިހާތަނަށް 3,985 ފަރާތަކުން އެސްޑީއެފްސީގެ ރިކަވަރީ ލޯނަށް އެދިފައިވާއިރު، އެޕްރޫވަލް ލިބުނީ 2,144 ފަރާތަކަށެވެ.
ކޮވިޑް-19 ވިޔަފާރި އެހީގެ ދަށުން އަންހެން މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ލޯނު ދޫކުރަމުން އަންނައިރު، މިހާތަނަށް 115.9 މިލިއަން ރުފިޔާގެ ލޯން، 563 ފަރާތަކަށް ދިނުމަށްވަނީ އެޕްރޫވްކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 124 ފަރާތަކަށް 3.7 މިލިއަން ރުފިޔާ އާއި 439 އެސްއެމްއީތަކަށް 112.2 މިލިއަން ރުފިޔާގެ ލޯނެވެ.
ބީއެމްއެލް އަދި އެސްޑީއެފްސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ %6 އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާ އެކުއެވެ.
ބީއެމްއެލްއިން ރިސޯޓްތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު، އެސްޑީއެފްސީން ލޯނު ދޫކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ.