ޚަބަރު

ޝިފާ ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޝިފާދެއްވާ ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކުރުން : ޚުތުބާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޝިފާ ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކުރުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

ރުޤުޔާ ކުރުމުގެ ޝަރުއީ ހަމަތަކުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުތުބާގައި ވަނީ މާތް ﷲ އަށް ބިރުވެތިވެ، ތަޤުވާވެރިވުމަށް ވަޞިއްޔަތް ކޮށްފައެވެ. ތަޤުވާވެރިވުމަކީ ﷲ ގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމުގައި ފާހަގަކުރެއްވިއެވެ.

އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި، އިމްތިޙާނުތައް ކުރިމަތިވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ﷲ ތަޢާލާ އިންސާނުންނަށް ކުރިމަތިކުރައްވާ އެކި ބާވަތުގެ ބަލިތަކާއި ނަފްސާނީ އުނދަގޫތަކަކީ، އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ކުރިމަތިކުރައްވާ ކަންކަމަށާއި އޭގެ ޙިކުމަތަކީ އިޚްލާޞްތެރި ތެދުވެރި އަޅުންނާއި، ދޮގުވެރި މުނާފިޤުންނަކީ ކޮބައިކަން ދެއްކެވުން ކަމަށެވެ.

"ބަލިތަކަށް ފަރުވާކުރުމަކީ ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ބަލިތައް ލައްވާފައިވާ ފަދައިން އެ ބަލިތަކުގެ ޝިފާ ވެސް ވަނީ ލައްވާފައެވެ. ބަލިތަކަށް ފަރުވާކުރުމުގައި އަޅުގަނޑުމެން ހިފަން ހުރި ގޮތްތަކުގެ ތެރޭގައި ރުޤްޔާ ކުރުން ހިމެނެއެވެ. ރުޤްޔާ ކުރުމަކީ ބަލިމީހާ އަށް ފަރުވާކުރުމުގެ ގޮތުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލު ﷲ 6 ގެ ސުންނަތު ގައި ވާރިދު ވެގެންވާ ދުޢާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ސިހުރު ހާހޫރަ އާއި، ޙަސަދަ އާއި، އެސްފީނާ ގެ ޝިކާރައަކަށް ވެފައިވާ ގިނަ މީހުންނަށް ޝަރުޢީ ރުޤްޔާ އަކީ އެންމެ އެކަށީގެންވާ ފަރުވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ރޫޙާނީ ގޮތުން ކުރިމަތިވާ މިފަދަ ބަލިތަކަށް ރުޤްޔާ އިން ފަރުވާ ހޯދިދާނެ ކަމަށެވެ. އަދި ރުޤްޔާ ކުރުމަކީ އެކަމުގެ ޢިލްމު ލިބިގެން ހުރި މީހަކު އިންސާނިއްޔަތަށް ޓަކައި، ކުރުން ހުއްދަ ކަމެއް ކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ރުޤްޔާ ކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައެެވެ. ނަމަވެސް ކަމުގެ ޞައްޙަ މަޢުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ޙާޞިލުކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު މިކަން ހަދާފައިވާކަން ފާހަގަ ކުރިއެވެ.

"ރުޤްޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރު ހަދައި އޮޅުވާލަން ފަށައިފިއެވެ. ރުޤްޔާކުރުމުގެ ނަމުގައި ބަލިމީހާއަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެ އެވެ. މުސްލިމް އަޚުންނޭވެ! ރުޤްޔާ ކުރުމުގައި ޝަރްޢީ މިންގަނޑުތަކަށް ޙުރްމަތްތެރިކޮށް ހިތަން ޖެހޭނެއެވެ. ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި، ސިޙުރު ބާޠިލުކުރުމުގެ ބަހަނާ ގައި މަޙުރަމަކާ ނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެ ކަނބަލުންނަށް ގޯނާކުރާކަމުގެ ޝަކުވާތައް ދަނީ ޢާއްމުވަމުންނެވެ. އަންހެނެއްގެ ހަށިގަނޑު ތެރެއިން ޖިންނި ނެރުމުގެ ބަހަނާގައި އޭނާގެ ހަށިގަނޑުގައި އަތް ލެވިދާނެތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި ފަޟީލަތުއް ޝައިޚް ޢަބްދު ﷲ ބިން ޢަބްދުއްރަޙްމާނުލް ޖިބްރީން ވިދާޅުވެފައިވެއެވެ. "ރުޤްޔާ ކުރުމަށްޓަކައި ޤުރްއާން ކިޔަވައި އަންހެން ގަޔަށް ފުމެލުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް އަންހެނަކަށް ނުވަތަ މަޙްރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މަޙްރަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާ ނުލައި އަތްލައިގެން ނުވާނެއެވެ. އަދި އޭނާގެ ޙިޖާބު ނަގައިގެން ނުވާނެއެވެ. އެފަދަ ޙާލަތުގައި އަންހެނަކު ނުވަތަ މަޙްރަމަކު ލައްވައި ރުޤްޔާ ކުރާނީއެވެ. ނޫންނަމަ އަންހެނާ އަމިއްލައަށް ރުޤްޔާ ކުރާނީއެވެ."" ހުތުބާގައި ފާހަގަކުރެއްވިއެވެ.

އަދި ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންގަވައި ދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ބަލިމީހާ އާއި، ބަލިމީހާގެ މަންމަގެ ނަން އޮޅުން ފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތަށްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުޤްޔާ ކުރުމުގައި ހިމެނޭ ކަންކަމެއް ނޫނެވެ. އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާ ކަންކަމެވެ. މީގެ އިތުރުން ފާލު ބެލުމާއި، އިރުވަރު ބެލުމާއި، އަކަ ކުރެހުމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި، ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނި ޝައިޠާނުން ވައްދައި އެ ޝައިޠާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲ ގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރްޢީ ރުޤްޔާއާ އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. އެފަދަ ކަންކަމަކީ ހަރާމް ކަންކަން ކަމުގައި ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ބަލިތަކާއި މުޞީބާތްތަކުގެ ވޭން ތަޙައްމަލް ކުރަމުންދާ އެތައް ބަޔަކު މުޖްތަމަޢުގައި ތިބޭނެއެވެ. ފަހަރެއްގައި އަޅުގަނޑުމެންގެ ތެރެއިން މީހަކު ތަޙައްމަލް ކުރަމުންދާ ވޭނަށް ވުރެ ބަލިތަކާއި ވޭން ތަޙައްމަލްކުރާ އެހެންމީހުންގެ ވޭން މާބޮޑު ވެސް ވެދާނެއެވެ. ދަންނަންވީ ކަމަކީ، މުއުމިނު އަޅާއަށް ދިމާވާ ކޮންމެ ކަމަކީ ވެސް ހެޔޮ ރަނގަޅު ކަމެއް ކަމެވެ. ހިތްހަމަޖެހުން ލިބޭ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އޭނާ ޝުކުރުވެރިވާންޖެހޭނެ ކަމެވެ. އަދި މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އޭނާ އެކަމަށް ކެތްތެރިވާން ޖެހޭނެ ކަމެވެ. އެހެންކަމުން ﷲ ގެ މިންވަރުފުޅާ މެދު ނުރުހުންތެރިވެ އެކަލާނގެ ރަޙްމަތްފުޅާމެދު މާޔޫސް ނުވާށެވެ! އޭގެ ބަދަލުގައި މުއުމިނުން ހިފަން އޮތް ހަތިޔާރަކީ ކެތްތެރިކަމެވެ."

ހުތުބާގައި ވަނީ ޝަރުޢީ ގޮތުން ހުއްދަ ވަސީލަތްތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ އެއްވެސް މީހަކު ކޮންގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މަކަރުވެރި ކެހިވެރި ރޭވުންތަކެއްގެ ތެރެއިން، ތިމާމެންގެ ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުޤްޔާކުރުން ހަދައިގެން ނުވާނެއެވެ. އަދި މީސްތަކުންގެ ކަންކަން މިފަދައިން ހުރެއްޖެ ނަމަ، އެ މުޖުތަމައެއްގައި ހެޔޮކަމެއް
ނޯންނާނެއެވެ.

ހުތުބާގައި ވަނީ ފަސާދަ ޢާއްމުވެ، މުޖުތަމަޢު މިހާރު މިއޮތް ޙާލަތަށްވުރެ ނުބައި ޙާލަތަކަށް ވެއްޓުމުގެ ކުރިން ޒިންމާދާރު ވެރިންނާއި، ޢިލްމުވެރިންނާއި، މުރައްބީންނާއި، މައިންބަފައިން މިކަމާ މެދު ވިސްނަވައި ފިޔަވަޅުތަކެއް އަޅަންވެއްޖެކަން ފާހަގަކޮށްފައެވެ.

އަދި މާތްވެގެންވާ އިސްލާމް ދީނުގެ ނަން ކިލަނބުވާގޮތަށް، ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެކަމުގައި ޒިންމާދާރު ފަރާތްތަކަށް ހުތުބާގައި ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ނުބައި ޢަމަލުތަކަށް އަރައިގަންނަ މީހުން ﷲގެ މަގަށް ރުޖޫޢަވެ ތައުބާވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!