ދީން

ތަޤްވާވެރި ނޫން މީހަކު މަރުވުމުން އޭނާގެ ފުރާނައާމެދު ކަންތައްތައް ވާނެ ގޮތް އެނގޭ ހެއްޔެވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ އަލްއުސްތާޛް ބިލާލް އަލްއައްސަދުގެ ދަރުހެއްގެ ތަރުޖަމާއެކެވެ.

Ads by Sosun Fihaara

"ތަޤްވާވެރިއެއްގެ ފުރާނައަށް ލިބޭ ނިޢުމަތްތަކުގެ ވާހަކަ ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވުމަށްފަހު، ދެން ޙަދީޘްފުޅު ކުރެއްވެވީ ތަޤްވާވެރި ނޫން ފަރާތެއް ނުވަތަ މިބިން މަތީގައި ފާފަތައް ކުޅައުމުން ދިޔަ ފުރާނައަށް ވާނޭ ގޮތްތަކުގެ ވާހަކައެވެ.

އަޅަމެންގެ ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައި ވަނީ، އެފަދަ މީހެއް ގާތަށް މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަންނަވާނީ ނަރަކައިން ފޮތިގަނޑަކާއެކު ކަމަށެވެ. އަދި އެއަޅެއް ގާތު މަލަކުލް މައުތުގެފާނު ހުންނަވާ ނުހަނު ގަދަ އަޑުން ދަންނަވާނެއެވެ. 'އޭ ނުބައި ވެގެންވާ ފުރާނައާއެވެ. މާތް ﷲ ގެ ކޯފާއާއި އަޒާބު ލިބިގަތުމަށް އަންނާށެވެ.'

އެފަދަ ފުރާނަ، އެހަށިގަނޑުން ނުނިކުތުމަށްޓަކައި ވަރަށް މަސައްކަތް ކުރާނެއެވެ. ހަށިގަނޑުގެ ކޮންމެ މަސްގަނޑެއްގައި އަދި ކަށިތަކެއްގައި ހިފެހެއްޓޭތޯ ބަލާނެއެވެ. އެފުރާނަ ހަށިގަނޑާއި ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މަލަކުލް މައުތުގެފާނު އެފުރާނައިގައި ހިފާ ދަމާފައި، ހަށިގަނޑުން ނެރުއްވާނެއެވެ. ރަސޫލު (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައި ވަނީ 'އެފަދަ ފުރާނައަކަށް ތަހައްމަލު ކުރަން ޖެހޭނެ ވޭނަކީ ތެތް ވޫލުގަނޑަކުން، ބައިވަރު ކަށި ހުންނަ ގޮތްޕެއް ނެއްޓުން ފަދަ މިސާލެއް' ކަމުގައެވެ.

ތަޤްވާވެރި ނޫން ފަރާތެއްގެ ފުރާނަ ގެންދަވާއިރު އެމީހެއްގެ ނާރުތަކާއި މަސްތައް ބުރިބުރިވެގެން ދާނެއެވެ. އެފަދަ އިންސާނާގެ ފުރާނަ ހަށިގަނޑުން ވަކިވުމުން، މަލާއިކަތް ބޭކަލުން ނަރަކައިން ގެންނެވި ފޮތިގަނޑަށް އެފުރާނަލުމަށްފަހު އޮޅާލާ ބަނދެލާނެއެވެ. އަދި އެފުރާނަ ހިއްޕަވައިގެން މައްޗަށް އުޑުތަކަށް އަރުއްވާނެއެވެ.

ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވި ގޮތުގައި، އެފަދަ ފުރާނައިގައި އެކުލެވިގެން ވާނީ ވަރަށް ވެސް ނުބައި ވަހެކެވެ. އަދި އެފުރާނައާއެކު އެހެން މަލާއިކަތް ބޭކަލުން ފަސްދީފައިދާ ވަގުތު، އެމަލާއިކަތް ބޭކަލުން އެފުރާނައަށް އެއްޗެހިގޮވާ ބަދުބަސް ދަންނަވާނެއެވެ. އަދި އެއީ ކާކުގެ ފުރާނައެއްތޯ އައްސަވާނެއެވެ. އެހިނދު އެމަލާއިކަތް ބޭކަލުން އޭނާއާ ދިމާލަށް އެންމެ ހުތުރު ވެގެންވާހާ ނަންތަކުން މުޚާތަބު ކުރައްވާނެއެވެ.

އެއަށްފަހު ހަތް އުޑުގެ ތެރެއިން އެންމެ ތިރީގައި ހިމެނޭ އުޑުގެ ދޮރުކޮޅާ ހަމައަށް ވަޑައިގަތުމަށްފަހު، އިތުރަށް ކުރިއަށް ދިޔުމަށްޓަކައި ދޮރުކޮޅު ހުޅުވާ ދެއްވުމަށް (ދޮރުކޮޅު ކައިރީގައި ތިއްބަވާ މަލާއިކަތް ބޭކަލުން އަރިހުން) އެދިލައްވާނެއެވެ.

ނަމަވެސް އެފަދަ އިންސާނެއްގެ ފުރާނައަށްޓަކައި އެދޮރުކޮޅެއް ނުހުޅުވޭނެއެވެ.

އެހިނދު އެކަލާނގެ މަލާއިކަތް ބޭކަލުންނަށް އަމުރު ކުރައްވަވާނީ، އެފުރާނަ ބިމަށް ވައްޓާ އެއްލާލުމަށެވެ. އެކަލާނގެ އަމުރު ކުރެއްވެވި ފަދައިން މަލާއިކަތް ބޭކަލުން ކަންތައް ކުރައްވާނެއެވެ. އަދި ވަޅުލުމަށްފަހު، ކަށްވަޅުގައި އެފުރާނައަށް ހައްޤުވެގެންވާ އަޒާބު ދެވޭނެއެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ކަށްވަޅުގައި ކުރެވޭ ތިން ސުވާލަށް އެފަދަ މީހުންނަކަށް ޖަވާބެއް ނުދެވޭނެއެވެ. އެ ތިން ސުވާލަކީ'ކަލޭގެ ވެރި ރަސްކަލާނގެއީ ކޮން ފަރާތެއް ހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބައި ހެއްޔެވެ؟ ކަލޭމެންނަށް ފޮނުއްވެވީ ކޮންބޭފުޅެއް ހެއްޔެވެ؟' އެވެ. މީގެން ކޮންމެ ސުވާލަކަށް ވެސް އެމީހަކު ބުނާނީ އޭނާ އަށް ނޭނގޭ ކަމަށެވެ.

ކަށްވަޅުގައި އޭނާއަށް ބޮޑެތި އަޒާބު ލިބުމުގެ އިތުރުން، ޤިޔާމަތް ދުވަހުން އޭނާ ނަރަކައަށް ވައްދަވާނެކަން ވެސް އޭނާއަށް އަންގަވާނެއެވެ. އޭނާ ދުޢާ ކޮށް އާދޭސް ކުރާނީ 'ޔާ ﷲ. ތިމަން އަލުން ދުނިޔެއަށް ފޮނުއްވަވާފާނދޭވެ. އަދި މިދުނިޔެ އަވަހަށް ނުނިންމަވާފާނދޭވެ' މިފަދައިންނެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!