ލައިފްސްޓައިލް

ގިނަ ދިވެހިންނަކީ "ރޭސިސްޓް" ބައެއް ނޫނޭ ބުނެވިދާނެބާ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިންނަކީ "ރޭސިސްޓް" ބައެއް ނޫނޭ ބުނެވިދާނެ ހެއްޔެވެ؟ މިސުވާލަށް ޖަވާބު ދިނުމުގެ ކުރިން އިތުރު ސުވާލެއް ވެސް ކޮށްލާނަމެވެ. "ރޭސިސްޓް" ވުމަކީ ހަމައެކަނި ވަކި ކުލައެއްގައި ހުރުމުން ތަފާތު ކުރުމަށް ކިޔާ އެއްޗެއް ހެއްޔެވެ؟

Ads by Hajj Corporation

ނޫނެކެވެ! ރޭސިސްޓު ވުމަކީ ހަމަ އެކަނި ކަޅު މީހުންނާއި ދޮން މީހުންނާމެދު ތަފާތު ކުރުން އެކަންޏެއް ނޫނެވެ. އެހެން ދީނެއްގެ މީހުންނާއި ނުވަތަ އެހެން ޤައުމެއްގެ މީހުންނާ ވެސް ތަފާތުކޮށް ކަންތައް ކުރާ މީހުންނަށް ރޭސިސްޓު މީހުންނޭ ނުވަތަ ރޭސިސްޓުވުމޭ ކިޔާ އުޅެއެވެ.

އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި މިފަދައިން ކަންތައް ކުރާ މީހުން ޙަޤީޤަތުގައި ވަރަށް ގިނަ އެވެ. ގިނަ ދިވެހިންނަކީ މިޒާޖުގެ ގޮތުން ވަރަށް ފޮނި ބައެކޭ ވެސް ބުނެވިދާނެއެވެ. އެފަދަ ދިވެހިންނަށް އެކުގައި އުޅެވޭނީ ވަކި ބަޔަކާ އެއްކޮށެވެ. އަދި ވާހަކަ ދެއްކޭނީ ވެސް ވަކި ގޮތަކަށް ތިބޭ މީހުންނާ އެކަންޏެވެ.

ކުރިން ވެސް ބުނި ފަދައިން އެހެން ދީންތަކުގެ މީހުންނާ ވެސް އަދި އެހެން ޤައުމު ތަކުގެ މީހުންނާ ދޭތެރޭވެސް ބައެއް ދިވެހިން ކަންތައް ކުރާ ގޮތް ވަރަށް ވެސް ހިތް ދައްޗެވެ. ހޮޓަލަކަށް ނުވަތަ ރެސްޓޯރަންޓަކަށް ދިޔުމުން އެތަނުގައި މަސައްކަތް ކުރަން ތިބޭ ބިދޭސީންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ކިޔާ މީހުން މަދެއް ނޫނެވެ. އަދި ބިދޭސީއަކު ކައިރީގައި ހުރެއްޖެ ނަމަ ފަކުރުން ގޮސް ހުރިތަނަށް ވިރޭފަދަ ދިވެހިން ވެސް މަދެއް ނޫނެވެ. އެމީހުންނާ ދޭތެރޭ ގިނަ ދިވެހިން ކަންތައް ކުރަނީ އަޅުންތަކަކާ ދޭތެރޭ ކަންތައް ކުރާ ފަދައިންނެވެ. ނުވަތަ އެއަށްވުރެ ވެސް ގޯސް ކޮށެވެ.

އަނެއް ކަމަކީ ރީތި ހުތުރަށް ބެލުމެވެ. މިއީ ވެސް ރޭސިސްޓް ވުމުގެ ވައްތަރެކެވެ. އަދި މިއީ ވެސް އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު ވެފައިވާ މައްސަލައެކެވެ. ކިރިޔާވެސް ހަމުގެ ކުލަ ކަޅު ވެއްޖިއްޔާ އެހަޑި ވީއެވެ. މޫނުގައި ނުވަތަ ހަށިގަނޑުގައި ޢައިބެއް ހުރެއްޖެ ނަމަވެސް ހަޑިއެވެ. ލައްގަނޑެއް ހުއްޓަސް ހަޑިއެވެ. އިސްކޮޅުން މާކުރުވެގެން ނުވާނެއެވެ. އެހެނެއްކަމަކު މާދިގު ވެގެން ވެސް ނުވާނެއެވެ. ލައިގެން ހުންނަ އެއްޗެއްސަކީ އިހު ޒަމާނުގެ "ކަޓު" އެއްޗެއްސަށް ވެގެން ނުވާނެއެވެ. ކިޔެވުމަށް ވަރަށް މޮޅުވާން ވާނެއެވެ. މަޝްހޫރު މީހަކަށް ވުމަކީ އަދި އިތުރު ޕްލަސް ޕޮއިންޓެކެވެ. މުއްސަންޖަކަށް ވާން ވާނެއެވެ. އުމުރުން ދުވަސް ވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ނުކުޅެދޭ މީހަކަށް އެއްގޮތަކަށް ވެސް ވެގެން ނުވާނެއެވެ. މިއީ އަޅުގަނޑުގެ ޤަވައިދުތަކެއް ނޫނެވެ. މިއީ ބައެއް ދިވެހިން، އެމީހުންނާ އެކުގައި އުޅޭ ރަޙްމަތްތެރިންގެ ކިބައިން ހޯދާ ނުވަތަ ހުންނަން ޖެހޭނެ ކަމަށް ޤަބޫލުކުރާ ބައެއް ސިފަތަކެކެވެ.

މިވަރުން ވެސް އެފަދަ ދިވެހީން އަޑުން އަޑު ނަގާފައި އެންމެ ބާރަށް ބުނާނީ ތިމަންނާމެން "ތަފާތު ކުރުމާ" ދެކޮޅު ކަމަށެވެ. ނުވަތަ ރޭސިސްޓުންނާ ދެކޮޅު ކަމަށާއި ރޭސިސްޓު ނުވުމަށެވެ. މީސް މީޑިއާގައި އެފަދަ "ހޭޝްޓެގްތައް" ވެސް ޖަހައިގެން ގިނަ ފަހަރަށް އެންމެ ގިނައިން ކެމްޕޭނު ކުރަނީ، ހަގީގަތުގައި އެމީހުންގެ ދިރިއުޅުމުގައި މިފަދަ ކަންތައްތަކެއް ކޮށްފައިވާ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ވަގުތު ފާއިތު ނުވަނީސް އެފަދަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!