ކަރުނައާއި ހިތާމައިން ވެސް ތިބާގެ ނަފުސު ވަރުގަދަ ކުރެވިދާނެކަން ދަންނާށެވެ.
ދިރިއުޅުމުގައި އަޑިގުޑަންތައް އަންނާނެ ވާހަކަ އަހަރެމެން އަބަދު ވެސް އަޑު އަހަމުއެވެ. އެހެންނަމަވެސް ދިރިއުޅުމުގައި އަންނާނެ ކޮންމެ އަޑިގަނޑަކީ ތިމާ އެއިން ފިލާވަޅެއް ދަސްކޮށް އަމިއްލަ ނަފުސު ކުރިއަށް ވުރެ ވަރުގަދަ ކުރުމަށް ލިބިގެންދާ ފުރުސަތެެއް ކަން ދަންނަނީ ކިތައް މީހުން ބާވައެވެ.
ތިމާގެ ލޯބީގެ ހަޔާތުގައި ވިޔަސް އަދި ތިމާގެ އެކުވެރިކަމުގެ ހަޔާތުގައި ވި ނަމަވެސް އަންނާނެ ކޮންމެ އަޑިގަނޑަކީ ހަމަ މިފަދަ އެތައް ފުރުސަތުތަކަކަށް މަގުފަހި ކޮށްދޭ ކަމެކެވެ.ތިމާ ލޯބީގެ ގޮތުން އެކުގައި ދިރިއުޅެމުން ދިޔަ ކިތައް ލޯބިވެރިން ތިމާއަށް ދޯކާ ދީފައި ވޭހެއްޔެވެ؟ އަދި އެފަދަ ކަމަކާ ދޭތެރޭ ވިސްނާ މިއަދު ވެސް ހިތާމަކުރާ ކިތައް މީހުން ވޭބާއެވެ؟
އެފަދަ ކަންކަމާ ދޭތެރޭ ވިސްނުމަކީ އިންސާނީ ޠަބިއްޔަތެކެވެ. އެހެންނަމަވެސް އެފަދަ ކަމަކުން ތިމާ އިބުރަތެއް ލިބިގަތުމަކީ އެއީ ތިމާގެ އަމިއްލަ އަތް މަތީގައިވާ ކަމެކެވެ. ދެން އެފަދަ ހިތާމައަކާ ކުރިމަތިލާން ތިމާއަށް ލިބިގެންދާނެ ހިތްވަރެކެވެ. ދަސްވާނެ ފިލާވަޅެކެވެ. އެފަދަ "ދޯކާ" ލިބެން އުޅޭ ކަމުގެ ހިލަން ލިބޭ ކަން ތިމާއަށް އެނގި ދަސްވާނެ ފަދަ ކަންކަމެވެ. އެހެންކަމުން އެއްވެސް ޙާލެއްގައި އެފަދަ ކަންކަމުގެ ސަބަބުން ތިމާ ދެރަވެ މާޔޫސް ނުވާށެވެ.
އެކުވެރިންގެ ނަމުގައި ތިމާގެ ޙަޔާތަށް އެތަކެއް ހީލަތްތެރިންނެއް އައިސް ގޮސްފައިވޭ ނޫން ހެއްޔެވެ؟ އެކަންކަމަކީ ވެސް ތިމާ ފިލާވަޅު ނަގައިގަންނަން ވީ ކަންކަމެވެ. މިނެދޭ ނާޅިން މިނެދިނުމޭ ބުނާ އަޑު އަހަމު ނޫން ހެއްޔެވެ؟ ތިމާއާ ދޭތެރޭ ކަންތައް ކުރާ ގޮތަކަށް އަނެކާއާ މެދު ވެސް ތިމާ ކަންތައް ކުރަން ތިމާއަށް ދެން އެނގޭނެއެވެ. އެއީ އެފަދަ ހިތި ތަޖުރިބާ ތިމާގެ މާޒީގައި ތިމާ ތަސައްވަރު ކޮށްފައިވާތީއެވެ. މިއިން ކޮންމެ ކަމަކީ ވެސް ތިމާ ދެވަނަ ފަހަރަށް އެފަދަ ކަންކަމާ މެދު ނަފުސު ވަރުގަދަ ކޮށް އެފަދަ ދެވަނަ ކަމަކަށް އަބަދު ވެސް ހުޝިޔާރުގައި ހުންނަން ލިބޭނެ ފުރުސަތެކެވެ.
އެހެންކަމުން އެއިން އެއްވެސް ކަމަކީ ތިމާ މާޔޫސްވެ ދެރަވާންވީ ކަމެއް ނޫނެވެ. ބަދަލުގައި އެއިން ތިމާ ފިލާވަޅެއް ލިބިގަނެ އެފަދަ ދެވަނަ ކަމަކަށް ތިބާ ކުރިމަތިލާން ފަސޭހަވެގެން ދާނޭ ކަމެކެވެ. ނަފުސު ކުރިއަށް ވުރެ ވަރުގަދަ ކޮށް އެފަދަ ހިތި ތަޖުރިބާތަކަށް ތިބާގެ އަމިއްލަ ނަފުސު "ޓްރެއިން" ކޮށްދޭން ލިބިދޭ ފުރުސަތެއްކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ.