ހަގީގީ ހާދިސާ ލައިފްސްޓައިލް

ތިން އަހަރު ވަންދެން ކޯމާއެއްގައި އޮތުމަށްފަހު ހޭ އެރިއިރު އާއިލާ ދުނިޔެއަކު ނެތް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ އަވަށްޓެރި އިންޑިއާ މީހަކަށް ދިމާވި ހާދިސާ އެކެވެ. ރާއްޖޭގެ މުއްސަނދި އާއިލާ އެއްގެ ގޭގައި ގެންގުޅޭ މީހެއްގެ ގޮތުގައި މަސައްކަތްކުރި މަންޖޫ ވަނީ ރާއްޖެ ދޫކޮށް ދިޔުމުގެ ކުރިން އޭނާގެ ދިރިއުޅުމުގެ މިހާދިސާ ހިއްސާ ކޮށްފައެވެ.

Ads by STELCO

އުފަން ޤައުމު ދޫކޮށްލާފައި އޭނާ ރާއްޖޭގެ ގެއަކަށް މަސައްކަތް ކުރަން އައީ އޭނާއަކީ ނުކިޔަވާ ހުރި މީހަކަށް ވެފައި އަމިއްލަ ޤައުމުގައި ކުރާނެ މަސައްކަތެއް ނުލިބިގެންނެއް ނޫނެވެ. އިންޑިއާގެ މަޓުންގާގައި ހުރި ކޮލެޖަކުން ތަޢުލީމް ޙާސިލް ކޮށްފައިހުރި މަންޖޫ، އޭނާގެ އުފަން ޤައުމާއި އާއިލާ ދޫކޮށްފައި ރާއްޖެ އައީ އޭނާގެ ދިރިއުޅުމުގައި ދިމާވި ހިތްދަތި ހާދިސާއަށް ފަހު އެހަނދާންތަކާ ވީހާ ވެސް ދުރަށް ދިޔުމަށެވެ.

އިންޑިއާގެ އެހެން އަންހެން ކުދިންނެކޭ އެއްފަދައިން މަންޖޫ ވެސް ވަރަށް ޅަ އުމުރުގައި ކައިވެނި ކުރިއެވެ. އެއިރު އޭނާގެ އުމުރުން 20 އަހަރެވެ. އިންޑިއާ އަކީ ގިނައިން އެރޭންޖް މެރިޖް ކުރާ ޤައުމަކަށް ވާތީ މަންޖޫ ވެސް ކައިވެނި ކުރީ އެފަދައިންނެވެ. މައިންބަފައިން ދެއްކި މީހަކާ ކައިވެނި ކުރީއެވެ. ނަމަވެސް އެއީ އޭނާ ވެސް ބޭނުންވެގެންނެވެ.

ކައިވެންޏަށް ފަހު މަންޖޫ ދިރިއުޅުނީ ފިރިމީހާގެ އާއިލާގާތު ޕޫނޭގައެވެ. ދިރިއުޅުން ވަރަށް ވެސް އުފާވެރި ކަމަށް އޭނާ ކިޔައިދިނެވެ. ކައިވެންޏަށް ދެއަހަރު ފުރުނުއިރު އެއްމާބަނޑު ދެއަންހެން ކުދިން އެދެމަފިރިންނަށް ލިބުނެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން އެމީހުން ފިރިހެން ދަރިއަކު އެޑޮޕްޓް ކުރިއެވެ. އެއީ އެމީހުން އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ވަރަށް ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެނިކޮށް އެދިރިއުޅުމަށް އަނދިރިކަން ވެރިވީ ހަގު ފިރިހެން ދަރިފުޅަށް ތިން އަހަރުވީ އުފަންދުވަހުއެވެ. މަންޖޫ ބޭނުންވީ އޭނާގެ ފިރިމީހާ ފެކްޓަރީން ނިމިގެން އައުމުގެ ކުރިން ދަރިފުޅަށް ދޭނެ ހަދިޔާއެއް ގަންނާށެވެ. ފިރިމީހާ އަކީ އަބަދުވެސް ވަރަށް ޚަރަދަށް ބަލާ މީހަކަށް ވާތީ އޭނާއާ އެކު ފިހާރައަށް ގޮސް މަންޖޫ ބޭނުންވާ އެއްޗެއް ދަރިފުޅަށް ގަނެ ނުދެވޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އަންހެން ދެދަރިން ސްކޫލަށް ދިޔަ ވަގުތު ފިރިހެން ދަރިފުޅު، ފިރިމީހާގެ މަންމަ ގާތު ބަހައްޓާފައި މަންޖޫ ދިޔައީ ބާޒާރު ކުރުމަށެވެ. ކުޑަދަރިފުޅު ކުޅެން ، ބޮޑު ކުޅޭ އެއްޗެއް ގަތުމަށެވެ.

ކަންތައްވީ ވަރަށް ހިތާމަވެރި ކޮށެވެ. ޝޮޕިންގް އަށް ގޮސް ގެއަށް އައި މަގުމަތީގައި ބަޔަކު މަންޖޫ ގެ އަތްދަބަސް ފޭރި ގަތެވެ. އެމީހުން ފަހަތުން އޭނާ ދުއްވައިގަތެވެ. ނަމަވެސް ދެވޭ ނުދެވޭ ތަނެއް ނޭނގި މަންޖޫ ގޮސް ޖެހުނީ އެމަގުން ވަރަށް ބާރަށް ދުއްވާފަ އައި ސައިކަލެއްގައެވެ. ސައިކަލުގައި މާބާރަށް ޖެހުމުން ވިއްސައިގެން ގޮސް މަގުގެ އަނެއް ފަރާތަށް ވެއްޓުނުކަން އެނގޭ ކަމަށް މަންޖޫ ބުންޏެވެ. ނަމަވެސް އެއަށްފަހު ދެންވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ.

ސައިކަލުން ޖެހި ވިއްސައިގެން ގޮސް ޖެހުމުގެ ސަބަބުން މަންޖޫގެ ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. އަދި އޭގެ އިތުރުން ކަނާއަތް ވެސް ބިންދައިގެން ގޮސް ހަށިގަނޑުގެ އެކި ދިމާލުން މަށައިގެން ދިޔައެވެ. ހޮސްޕިޓަލަށް ވަގުތުން ގެންގޮސް ސްކޭންކޮށް ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރި ކަމަށް މަންޖޫގެ މަންމަ ވަނީ ފަހުން އޭނާއަށް ކިޔައިދީފައެވެ. ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދެމުން ދިޔައިރު އޮޕަރޭޝަންގެ ފަހުން ވެސް މަންޖޫ ހޭ ނޭރުމުން އޭނާ ވަނީ ކޯމާއެއްގައި ކަމަށް އާއިލާއަށް ޑޮކްޓަރުން މައުލޫމާތު ދިނެވެ.

ކޯމާގައި އޮތް ދުވަސްކޮޅު އޭނާ ގާތަށް މީހުން އައިސް ވާހަކަ ދައްކާ އަޑު އިވޭކަމަށް މަންޖޫ ބުންޏެވެ. އަދި އަމިއްލައަށް ހޭލަން މަސައްކަތް ކުރިކަމަށާއި އޭނާއަށް ހީވީ އޭނާގެ ރޫޙު ތަނެއްގައި ބަންދު ކުރެވިފައިވާހެން ކަމަށް ވެސް އޭނާ ސިފަ ކޮށްދިނެވެ.

އެހާލުގައި ތިން އަހަރު ވޭތު ކުރުމަށްފަހު މަންޖޫ ހޭއެރިއެވެ. ލޯ ހުޅުވުނު އިރު ކައިރީގައި އިނީ އޭނާގެ މަންމަ އާއި ބައްޕަ އެކަންޏެވެ. ޑޮކްޓަރަކާއި ނަރުހެއް މަންޖޫގެ ހާލަތު ޗެކް ކުރުމަށް އެތަނުގައި ހުރިތަން ވެސް އޭނާ އަށް ފެނުނެވެ.

ލޯބިވާ ފިރިމީހާ އާއި ދަރިން ފެންނަން ނެތުމުން މަންޖޫ ހައިރާންވިއެވެ. އަދި ވާހަކަ ދެއްކޭވަރަށް ގައިގައި ވަރު ޖެހުމުން ފިރިމީހާ އާއި ދަރިން ކޮބައިތޯ މައިންބަފައިން ގާތު އެއްސެވެ. އެ ދެމީހުން ވެސް ތިބީ ފެންކަޅި ވެފައެވެ. މަންޖޫގެ މަންމަ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

މަންޖޫ ކޯމާއެއްގައި ތިން އަހަރު އޮތް ކަމަށާއި ކޯމާ އަށް ދިޔަތާ ދެ އަހަރު ފަހުން ފިރިމީހާ އާއި ތިން ދަރިން ރޭލު އެކްސިޑެންޓެއްގައި މަރުވެއްޖެ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

މަންޖޫ އަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް ފިރިމީހާ ގެ އާއިލާ އަށާއި އެކިއެކި ރަޙްމަތްތެރިންނަށް ގުޅުމުން އެއީ ހަމަ ތެދެއްކަން ޔަޤީންވިއެވެ. އެމީހުން ބުނި ގޮތުގައި، ކޯމާ އިން މަންޖޫ އަވަހަށް ރަނގަޅުވޭތޯ (އެމީހުން ޤަބޫލުކުރާ ކަމެއް ކުރަން) އޭނަގެ ފިރިމީހާ ދިޔައީ އެދެމަފިރިންގެ ތިން ދަރިން ގޮވައިގެން މަހަރާޝްތުރަ އަށެވެ. ނަމަވެސް އެނބުރި ޕޫނާ އަށް އައުމުގެ ތެރޭގައި އެހެން ރޭލަކާއި ޖެހި އެކްސިޑެންޓްވެ މަންޖޫގެ ފިރިމީހާ އާއި ތިން ދަރިން މިދުނިޔެއާ ވަކިވީއެވެ. މިހާދިސާ ހިނގީ 2013 ވަނަ އަހަރުގައި ކަމަށް މަންޖޫ ބުންޏެވެ.

ލިބުނު ހިތްދަތިކަމުގެ ސަބަބުން މަންޖޫއަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކުރިއެވެ. އެއްވެސް އެއްޗެއް ނުކެވުމާއި މީހާ މުޅިން ގަބުވެފައި ހުރުންފަދަ ކަންކަންވިއެވެ. އޭނާ ހިތްހަމަ ޖައްސައިދެވޭތޯ އޭނާގެ ދެ އާއިލާއިން މަސައްކަތް ކުރިއެވެ. އިންޑިއާގެ އެކި ތަންތަނަށް ގެންދިޔައެވެ. ނަމަވެސް ހާލު ރަނގަޅުވާގޮތް ނުވުމުން، މާހައުލު ބަދަލުކޮށްލަން ޑޮކްޓަރުން ލަފާ ދިނުމުން އޭނަގެ މައިންބަފައިން އޭނާ ރާއްޖެއަށް ފޮނުވާލިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!