ކިތަންމެ ވަރަކަށް ނުކައި ހުރިނަމަވެސް ހަމަ ނުހިކެނީއެވެ.
ފެންނަ ކޮންމެ ތަނަކުން ރައްޓެއްސެއް ނޫނީ އާއިލާ ކޮންމެ މީހެެއް ވެސް އަބަދު ވެސް ބުނާނެއެވެ. "ހާދަހާ ފަލަވޭ އެބަ. ތިވަރަށް ނުކައިބަލަ". މިފަދައިންނެވެ. މި މީހުންނަށް އަހަރެން އަބަދު ކައި ކައި އިންނަ މަންޒަރު ފެންނަ ކަހަލައެވެ. އެހެންނަމަވެސް ދޮގު ނުހަދާ ބުނަން ހެއްޔެވެ؟ ގިނަ ވާނީ އަހަރެން ނުކައި ހުންނަ ދުވަސްތަކެވެ.
އަރާއިރާއެކު އޮފީހަށް ދާމީހާ ގެއަށް އަންނަނީ އަނެއް ކޮޅުން އިރު އޮއްސުމުންނެވެ. ކާން ހަނދާން ނެތޭ ދުވަސްތަކާއި ކާން ވަގުތު ނުލިބޭ ވަގުތު ވެސް ދެއެވެ. އެހެންނަމަވެސް އަހަރެންގެ ހަށިގަނޑު އެކަމަށް ދެކޮޅު ހަދަނީ ކިހިނެއް ވެގެން ކަމެއް ޚުދު އަހަރެންނަކަަށް ވެސް ނޭނގެއެވެ. ގިނަ ފަހަރަށް ކާނީ ނިވައްތާ ގަތީމައެވެ. މާ ގިނައަކުން ވެސް ނޫނެވެ.
ފޭސްބުކަށް ނުވަތަ އިންސްޓަގްރާމަށް ފޮޓޯއެއް ވެސް ލާން ލަދުގަންނަނީ އެހެންވެއެވެ. ކޮމެންޓު ސެކްޝަން އެއްކޮށް ފުރިފަައި ހުންނާނީ އަހަރެންގެ ފަލަ ވާހަކަ ތަކުން ފުރި ބަރާވެފައެވެ. އަޅެ އަހަރެން ކާން އިން މަންޒަރު ފެނިގެން އެހެން ބުނާނަމަ ވެސް އަހަރެން އެއްބަސް ވާނަމެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. އަހަރެން ނުކާނަމަ އަހަރެންގެ ބަނޑުގައި މިވަނީ ހުސް ވައި ބާވައެވެ. ޕިނެއް ހަރާ ވައި ދުއްވާލުމުން ހިނދިދާނެ ކަންނޭނގެއެވެ.
ކަސްރަތު ކުރަން ދާން ކިތަންމެހާ ވެސް ބޭނުމެވެ. ކަންނެތީއޭ ބުނުމަށް ވުރެ އަހަރެންނަށް ވަގުތު ނުވަނީއޭ ބުންޏަސް އަހަރެން ގަބޫލު ކުރާނަމެވެ. އެހެންނަމަވެސް ފަޅުރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިން ނަމަވެސް އެކަން ދަންނާނީ ފަހެ ކާކުހޭ ބުނާފަދައިން އަހަރެން ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެކަން ދަންނާނެ މީހަކު ނުވަނީއެވެ. ބަދަލުގައި އަހަރެންނާ ދިމާކޮށް ހަނގާކުރާނެ އަނގަތައް ބައިވަރެވެ.
ހެވެއެވެ. އަހަރެންގެ ހިތަށް ކެހެރުވަކެކޭ ވެސް ނާރައެވެ. އަހަރެންނަށް އަހަރެންގެ ހަށިގަނޑު ރަނގަޅެވެ. މީހަކަށް ދައްކާކަށް އަހަރެން ، އަހަރެންގެ ހަށިގަނޑު ރީތިކުރާކަށް ނުވެސް އުޅެމެވެ. އަދި ނުވެސް ވިސްނަމެވެ. އެއްޗެހި ކިޔާ މީހުން އެއްޗެހި ކިޔާލަ ކިޔާލަ ޖެހޭނީ ތިބެން ތާއެވެ. އެހެންނަމަވެސް ބުނަންހެއްޔެވެ؟ އަހަރެން ފަލަވެފައި މިވަނީ ހަމަ ގައިމު ވެސް ކައިގެންނެއް ނޫނެވެ.