ފްލައިން ސްކޫލުން ޑޮލަރުން ފީ ނަގާ މައްސަލަ އެމްއެމްއޭ އާއި ފުލުހަށް

އައްޑޫ ފްލައިން ސްކޫލް ކުދިން އަތުން ޑޮލަރުން ފީ ނަގާ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅައިފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ރާއްޖެއެމްވީ" އަށް މި މައްސަލަ ފުލުހަށް ހުށަހެޅިކަން މިނިސްޓްރީގެ އޮފިޝަލަކުވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މި މައްސަލަ ބަލާނެ ކަމުގެ ޔަޤީންކަން ފުލުހުން ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ އެމްއެމްއޭ އާއި ފުލުހަށް ހުށަހަޅަން ޖެހުނީ ޑޮލަރުން ފީ ދައްކަން ޖެހޭތީ އެކަމުގެ ޝަކުވާތައް ދަރިވަރުންގެ ފަރާތުން ތަކުރާރުކޮށް މިނިސްޓްރީއަށް ލިބެމުންދާތީ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.
މީގެ ކުރިން ވެސް އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ. އެގޮތުން ކިޔަވާ ކުދިންނާ މެދު ބޭއިންސާފުން އަމަލު ކުރުމާއި، ފްލައިން ސްކޫލުން އެތަނުގައި ކިޔަވައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރަމުން ދިޔުމާ ގުޅިގެން އެ ސްކޫލާމެދު ފިޔަވަޅު އެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ މީގެ ކުރިން ނިންމާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މައްސަލަތައް ހައްލުނުކޮށް އިތުރު ދަރިވަރުން ނެގުން މަޑުޖައްސާލަން އެ އިންސްޓިޓިއުޓަށް އަންގާފައެވެ.