ކުޅިވަރު

ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލަނީ

އައިކާ ޔުނާން ، ދެން އޮންލައިން

އެންމެ  ފަހުގެ  ވޯލްޑު  ކަޕު  ތަށި  ފްރާންސަށް  ކާމިޔާބު  ކޮށްދިނުމުގައި  އިސް  ދައުރެއް  އަދާކުރި  ޕައުލް  ޕޮގްބާ  އޭނާގެ  މިހާރު  ކްލަބު  މެންޗެސްޓާ  ޔުނައިޓެޑު  ވަރަށް  އަވަހަށް  ދޫކޮށްލާނެކަން  ޕޮގްބާގެ  އޭޖެންޓު  ހާމަކޮށްފިއެެވެ.

Ads by STELCO

2016  ވަނަ  އަހަރު  ޔުވެންޓަސް  އިން  ޔުނައިޓެޑަށް  ބަދަލުވި  ޕޮގްބާ  އެ  ކްލަބަށް  ބަދަލުވި  ފަހުން  ތަކުރާރުކޮށް  ކްލަބު  ދޫކޮށްލަން  އުޅޭ  ކަމުގެ  އަޑުތައް  އިވެމުންދާއިރު،  ޕޮގްބާގެ  އޭޖެންޓު  މިނޯ  ރައިލޯ  ވަނީ  ޕޮގްބާ  ޔުނައިޓެޑުގައި  ހުންނަން  ބޭނުން  ނުވާކަން  ދާދި  ފަހުން  ދިން  އިންޓަވިއު  އެއްގައި  ހާމަ  ކޮށްފައެވެ.

"ޕޮގްބާ  ޔުނައިޓެޑުގައި  ހުރީ  ހިތްހަމަޖެހިގެންނެއް  ނޫން.  ޕޮގްބާ  ބޭނުންވާ  ގޮތަކަށް  ޔުނައިޓެޑުގައި  އޭނާ  އަށް  ޝުއޫރު  ފާޅު  ކުރުމުގެ  ފުރުސަތެއްވެސް  ނުލިބޭ.  ޔުނައިޓެޑުގައި  ޕޮގްބާގެ  ދުވަސްތައް  މިވަނީ  ހަމަވެފައި.  އޭނާ  އަށް  މިހާރު  ބޭނުން  ވަނީ  އާ  ކްލަބެއް"  ރައިލޯ  އިންޓަވިއުގައި  ބުނެފައިވެއެވެ.

ޕޮގްބާ  އެ  ކްލަބު  ދޫކޮށްލަން  ނިންމި  ނަމަވެސް  ޔުނައިޓެޑާއި  އެކު  އޭނާ  ހަދާފައިވާ  ކޮންޓްރެކްޓުގައި  ބާކީ  އަދި  18  މަސްދުވަސް  އެބައޮތެވެ.

ޕޮގްބާ  ޔުނައިޓެޑު  ދޫކޮށްލާނެކަން  ހާމަކޮށްފައި  މިވަނީ  ޗެމްޕިއަންސް  ލީގުގައި  ޔުނައިޓެޑު  ކުރިއަށް  ދިއުމަށްޓަކައި  ކޮންމެހެން ވެސް  މޮޅުވާން  ޖެހޭ  މެޗެއް  އޮތް  ދުވަހުގެ  އެއް  ދުވަސް  ކުރިންކަން  ފާހަގަ ކޮށްލެވެއެވެ.

މީގެ  ކުރިން  ޕޮގްބާ  ނޫސްވެރިންނަށް މައުލޫމާތު ދީފައިވާ ގޮތުގައި  އޭނާގެ  ހަޔާތުގައިވެސް  މިހައި  އުނދަގޫ  ދުވަސްތަކެއް  ތަޖުރިބާ  ކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!