ހަގީގީ ހާދިސާ

ޙަޤީޤީ ވާހަކަ: ދަރިކަނބަލުން ، ޚަލީފާގެ ދަރިކަލުންނާ ކައިވެނި ނުކޮށްދީ ފަޤީރަކާ ކައިވެނިކޮށްދިން ތާބިއީ

ދެން އެމްވީ ، ދެން އޮންލައިން
ޙަޤީޤީ ވާހަކަ: ދަރިކަނބަލުން ، ޚަލީފާގެ ދަރިކަލުންނާ ކައިވެނި ނުކޮށްދީ ފަޤީރަކާ ކައިވެނިކޮށްދިން ތާބިއީ

ސަޢީދު ބުނު މުސައްޔިބު ރަޙިމަހުﷲގެ އަރިހުން އެތައް އެތައް ބަޔަކު ޢިލްމް އުނގެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވާ މަޝްހޫރު ޙާދިޘާތަކުގެތެރެއިން އެއް ޙާދިޘާއަކީ އެކަލޭގެފާނުގެ ދަރިކަނބަލުންގެ ކާވެނިފުޅުގެ ޙާދިޘާއެވެ. މަޝްހޫރު ގިނަ ޙަދީޘް ފޮތްތަކުގައި ބަޔާން ކޮށްފައިވާ މި ޙާދިޘާއިން ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲގެ ޘާބިތުކަން ހާމަވެގެންދެއެވެ.

Ads by Sosun Fihaara

ރިވާވެގެން އައިސްފައިވެއެވެ. ސަޢީދު ބުނު މުސައްޔިބު ރަޙިމަހުﷲގެ އަންހެން ދަރިކަނބަލުންގެ ކާވެނިފުޅަށް ރުހުން ހޯދުމަށް އޭރުގެ ޚަލީފާ އަބުދުލް މަލިކު ބުން މަރުވާންގެ ދަރިކަލުން އަލް ވަލީދު ބުން އަބުދުލް މަލިކުގެ ފަރާތުން ފޮނުވުނެވެ. ޚަލީފާގެ ދަރިކަލުން ފޮނުއްވި މީހަކު އައިސް ސަޢީދު ބުނު މުސައްޔިބަށް ދެންނެވިއެވެ. "ތިމަންނާ މިއައީ ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރަކައިގެންނެވެ. ކަލޭގެފާނަށް އުފާވެރިކަން ހުއްޓެވެ. ކަލޭގެފާނުގެ މަންމާފުޅު ކަލޭގެފާނު ދުނިޔެއަށް އުފަން ކުރުމަށް ފަހުގައި މިވީ ހުރިހާ ދުވަހަކަށް ފަހު މިއަދަކީ ކަލޭގެފާނަށް އެންމެ އުފާވެރި ދުވަހެވެ. ޚަލީފާގެ ދަރިކަލުން ، ޝައިޚުގެ އަންހެން ދަރިކަނބަލުންގެ ކާވެނިފުޅަށް ޚަލީފާ އެދިލައްވައެވެ."

ސަޢީދު ބުނު މުސައްޔިބު ރަޙިމަހުﷲ ވިދާޅުވިއެވެ. "ޚަލީފާއަށް މިދުނިޔެއިން ތިމަންކަލޭގެފާނަށް ދެވޭނީ ކޮންއެއްޗެއް ހެއްޔެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައިވެއެވެ. "ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކީ މަދިރިއެއްގެ ފިޔައަކަށް ވުރެ އަގުބޮޑު އެއްޗެއްކަމުގައި ﷲ ތަޢާލާގެ ހަޒުރަތުގައިވީނަމަ ކާފިރަކަށް އެންމެ ފެންފޮދެއްގެ މިންވަރު ވެސް ނުލިބުނީހެވެ." ދެން އެ މަދިރީގެ ފިޔައިން ޚަލީފާ ތިމަންކަލޭގެފާނަށް ދެއްވާނީ ކޮންއެއްޗެއް ހެއްޔެވެ. ޖަވާބުގައި ޚަލީފާއަށް ދަންނަވާށެވެ. ޚަލީފާގެ ދަރިކަލުންގެ ކާވެނިކުރާނެ އަންހެންދަރިންނެއް ސަޢީދު ބުން މުސައްޔިބުގެ އަރިހުގައި ނުވެއެވެ. ސީދާ ސީދަލަށް އެއްވެސް ވަރެއްގެ ޖެހިލުންވެ ވަޑައިގަތުމަކާ ނުލައި އިންކާރު ކުރައްވާ ފޮނުވާ ލެއްވެވިއެވެ.

އެޒަމާނަކީ އަޅުގަނޑުމެން މިހާރު މިދެކޭ ދުވަސްތައްފަދައިން ވިޔާނުދާ ފާޙިޝް ޢަމަލުތަކުގެތެރޭގައި ޤައުމުގެ ބޮޑުންނާއި ވެރިންވި ޒަމާނެއް ނޫނެވެ. އެހެން ނަމަވެސް ވެރިކަމާއި ވެރިކަމުގެ ދަހިވެތިކަމާއި މުދަލާއި ޖާހާއި ދުނިޔެއަކީ އިންސާނާ ވަރަށް ގިނަ ފަހަރަށް މަގުފުރައްދާ ކަންކަމަށްވާތީ ، ވީ އެންމެ ބޮޑަކަށް ދުނިޔޭގެ ވަގުތީ އުފާތަކުން ދުރުގައި ހުންނެވުން އެއީ ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲގެ އަޒުމުފުޅު ކަމުގައި ހެއްދެވިއެވެ. އަދި އެއީ މިއު ންމަތުގައި ވަކިވެގޮސްފައިވާ ގިނަ ޢިލްމުގެ އަހުލުވެރިންގެ ސުންނަތެވެ. ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲގެ ޙަޔާތްޕުޅުން އެކަންވަނީ ޘާބިތު ކޮށްދެއްވާފައެވެ.

އެކަލޭގެފާނުގެ ދަރިވަރުންގެތެރޭގައި ނުހަނު ބޮޑެތި ޢިލުމުވެރިން އޭރު ތިއްބެވިއެވެ. އެކަލޭގެފާނުގެ ޙަލަޤާތަކުގައި ޤަވާއިދުން ބައިވެރިވެ ޢިލްމް ހާސިލުކުރައްވަމުން ގެންދެވި އެތައް ބޭކަލުންނެއް އުޅުއްވައެވެ. އޭގެތެރޭގައި އެކަލޭގެފާނުގެ ގާތް ވަރަށް ފަޤީރު ދަރިވަރަކުވިއެވެ. އެބޭކަލަކީ އިބުނު އަބީ ވަދާޢާއެވެ. ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲގެ ޢިލްމީ ޙަލަޤާތަކުގައި ބައިވެރިވަމުން ގޮސް ދެތިން ދުވަހަށް ނުފެނި ހުރުމަށް ފަހު ފެނިވަޑައިގަތުމުން ޢިލްމުގެ މަޖިލީހަށް ހާޒިރު ނުވާ ސަބަބާ ބެހޭ ގޮތުން އިބުނު އަބީ ވަދާޢާ އާ ސުވާލު ކުރެވުނެވެ. އަދި ޖަވާބުގައި އެކަލޭގެފާނުގެ އަނބިކަނބަލުން އަވަހާރަވެގެން އަނބިކަނބަލުންގެ ކަށުކަމާކެމީގެ ކަންކަމާއި ވަޅުލުމުގެ ކަންކަމުގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ހާޒިރު ނުވެވުނީ ކަމުގައި ބުނެވުނެވެ. އިބުނު އަބީ ވަދާޢާއަށް ބުނެވުނެވެ. އެއަށްފަހުގައި ކަލޭގެފާނު ކާވެނި ކުރެއްވީތޯއެވެ. ޖަވާބުގައި ބުނެވުނެވެ. ތިމަންނާ ފަދަ ފަޤީރު މީހަކާ އެމީހެއްގެ އަންހެންދަރިން ކާވެނިކޮށްދޭނީ ކާކު ހެއްޔެވެ. ތިމަންނާގެ އަނބިކަނބަލުން ވެސް ތިމަންނައާ އެކުގައި އެކަމަނާގެ ޙަޔާތުގައި ވަރަށް ކެތް ކުރެއްވިއެވެ. ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲ ޖަވާބުދެއްވާ ވިދާޅުވިއެވެ. ކަލޭގެފާނަށް ކާވެނި ކޮށްދެއްވާނެ އެބޭކަލަކީ ތިމަންކަލޭގެފާނެވެ.

އިބުނު އަބީ ވަދާޢާ ވީއުފަލުން ގެއަށް ގޮސް ރޯދަވީއްލުމަށް ޓަކައި ކުޑަ ތެޔޮ ފޮދަކާއި ހިކި ރޮށިކޮޅެއްގެ މިންވަރު ނަގައިގެން ހަމަޖެހިލިތަނާ ދޮރުގައި ބޭކަލަކު ޓަކި ދެއްވައިފިއެވެ. ކޮންބޭކަލެއްތޯ ސުވާލު ކުރެއްވުމުން ސަޢީދު ކަމުގައި ބުނެވުނެވެ. ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲ ފިޔަވައި އޭރު މަދީނާގައި އުޅުއްވަމުން ދިޔަ ހުރިހާ ސަޢީދެއްގެ މަތިން އިބުނު އަބީ ވަދާޢާގެ ހިތްޕުޅަށް އަރަމުން ދިޔަކަމުގައި ވާރިދުވެފައިވެއެވެ. ސަބަބަކީ މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ދެމެދުގެ ވަޤުތުކަމަށްވެފައި އޭރު އިޝާ ނަމާދަށް ބަންގި ނުގޮވާތީއެވެ. އެކަލޭގެފާނު މިސްކިތުގައިވާ ހާލުގައި މެނުވީ ބަންގި ނުދެވޭނެއެވެ. އެކަލޭގެފާނު މިސްކިތުގައިވާ ހާލުގައި މެނުވީ ނަމާދުގެ ޖަމާޢަތް ޤާއިމު ނުކުރެވޭނެއެވެ. ކޮން ސަޢީދެއްކަން ނޭނގޭ ހާލުގައި ދޮރުކޮޅު ހުޅުވާލުމާ އެކުގައި އިބުނު އަބީ ވަދާޢާއަށް ބުނެވުނެވެ. ކަލޭގެފާނަކީ ކާވެންޏެއްގެ މަތީގައިވީ މީހެއްކަން ތިމަންކަލޭގެފާނަށް އެނގެއެވެ. އަންބެއްގެ ޚިދުމަތާއި ނުލާ އެންމެ ރެއެއް ވެސް ތިބާވުން ތިމަންކަލޭގެފާނު ނޭދެމެވެ. ތިމަންކަލޭގެފާނު މިއައީ އެފަޅުކަން ފިލުވައި ދިނުމަށް ޓަކައެވެ. އޭރު އެކަލޭގެފާނުގެ ފަހަތްޕުޅުން އަނދިރިކަން ފާޅުވާން ހުރިކަމުގައި ވެއެވެ. އިރުކޮޅަކުން ދަރިކަނބަލުން ގެންނަވާ ކާވެނީގެ އަޤުދު ކޮށްދެވިއްޖެއެވެ. އަދި ކާވެނިކުރެވުނު ދެމަފިރިންނަށް ހެޔޮދުޢާ ކޮށްދެއްވުމަށް ފަހުގައި ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲ ، އަބީ ވަދާޢާގެ ކޮޓަރިކޮޅުގެ ދޮރުލައްޕަވައި އެނބުރި ވަޑައިގަންނަވައިފިއެވެ. ޚަލީފާގެ ފަރާތްޕުޅުން ހުށައެޅުނު ހުށައެޅުން ދޫކުރައްވާ އެކަލޭގެފާނު އިޚުތިޔާރު ކުރެއްވީ އެކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން ފަޤީރު ބޭކަލެކެވެ.

ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲ އެނބުރި ވަޑައިގަތްތަނާ އަބީ ވަދާޢާގެ އަނބިކަނބަލުން ހޭނެތިގެން އެކަލޭގެފާނުގެ އަތްދަނޑިމައްޗައް ވެއްޓުނެވެ. ކާވެނީގެ އަޤުދަށް ފަހުގައި ދެމަފިރިން އެކަހެރިވި ފުރަތަމަ ފަހަރު ހޭނެތިގެން ވެއްޓިވަޑައިގަތީ ފިރިމީހާދެކެ ބިރުފުޅަކުން ނޫނެވެ. ލަދުފުޅުވެ ވަޑައިގަންނަވާލެއް ބޮޑުކަމުންނެވެ. އިބުނު އަބީ ވަދާޢާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ މަންމާފުޅަށް ގޮވައި އަނބިކަނބަލުން ހޭފުޅުއެރުއްވުމަށް އެހީތެރިކަމަށް އެދުނީމެވެ. އަދި މަންމާފުޅު ވިދާޅުވިއެވެ. އަނބިކަނބަލުންނާ އެކުގައި ރޭކުރެއްވުމުގެ ކުރިން ކަލޭގެފާނަށް ޓަކައި އެކަނބުލޭގެ ތައްޔާރު ކުރެއްވުމަށް ޓަކައި ތިން ދުވަސް ތިމަންނާއަށް ދެއްވާށެވެ.

އޭގެ ތިން ދުވަސް ފަހުން އަބީ ވަދާޢާއަށް އެކަލޭގެފާނުގެ އަނބިކަނބަލުންނާ ބައްދަލުވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިކަމުގައި ވެއެވެ. ތިމަންކަލޭގެފާނުގެ މުޅިޙަޔާތުގައި ވެސް ފެނިވަޑައިގަތް އެންމެ ރީތި އެންމެ އަޅުވެރި ތަޤުވާވެރި އަންހެނަކީ އެ ކަމަނާއެވެ. ތިމަން ކަލޭގެފާނުގެ މުޅިޙަޔާތުގައި ވެސް ފެނިވަޑައިގަތް އެންމެ ޢިލްމުވެރި އަންހެނަކީ އެ ކަމަނާއެވެ.

އޭގެފަހުން ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲގެ ޢިލްމީ ޙަލަޤާއަށް ދިޔުމަށް ބޭނުން ވެފައިވާ ހާލުގައިވެސް އެމަޖުލީހަށް ނުކުމެ ވަޑައިނުގެން އެއްމަސް ދުވަސް އަބީ ވަދާޢާ ހޭދަ ކުރެއްވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު ނުކުންނަން ހަމަ ދިމާކުރާއިރަށް ތިމަންކަލޭގަފާނަށް ބުނެވެއެވެ. ތިޔަ ނުކުމެ ވަޑައިގަންނަވަނީ ކޮންތާކަށް ހެއްޔެވެ. ސަޢީދު ބުން އަލް މުސައްޔިބުގެ ޢިލްމު ތިމަން ކަމަނާ އުނގަންނައިދޭނަމެވެ. އެކަމަނާ އެ ވަނީ އެކަލޭގެފާނުގެ ޢިލްމު ހިތުދަސް ކުރައްވާފައެވެ. އަދި ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲ ރިވާ ކުރައްވާފައިވާ ޙަދީޘްތައް އެވަނީ ހިތުން ދަސްކުރައްވާފައެވެ.

ދުވަސްތަކަކަށްފަހުގައި ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲގެ ދަރުސަށް އަބީ ވަދާޢާ ފުރަތަމަ ފަހަރަށް ނުކުމެވަޑައިގަތެވެ. ސަޢީދު ބުން އަލް މުސައްޔިބު ރަޙިމަހުﷲ ގެ ފަރާތްޕުޅުން މާބޮޑު ސަމާލުކަމެއް ލިބިވަޑައިނުގެން އިންނަވަނިކޮށް ދަރުސް ނިންމައި ސުވާލު ކުރެވުނެވެ. އެ އިންސާނާގެ ހާލަކީ ކޮބައިތޯއެވެ. އަބީ ވަދާޢާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ލޯބިވާ ފަރާތްތައް އުފާވާނޭ ހާލުގައެވެ. އަދި ރުޅި އަންނަފަރާތްތަށް އަދާވާތްތެރިވާ ފަދަ ހާލެއްގައެވެ. މާނައަކީ އެކަނބުލޭގެ ފުރާލެވިގެން ވަނީ ޒުހުދުވެރިކަމާއި ތަޤުވާވެރިކަމުންނެވެ.

އަޅުގަނޑުމެން ހައިރާނެއް ނުވޭ ހެއްޔެވެ.؟ ލަދުވެތިވުން ނުވޭ ހެއްޔެވެ؟ އަޅުގަނޑުމެންގެ އަންހެންދަރިންގެ ހާލަކީ ކޮބައިބާވައެވެ. ކާވެނީގެ ކުރީގައި އެއަންހެންދަރިން އުފުލާލެވެނީ ކިތައް ފިރިހެނުންގެ އަތްދަނޑިމަތީގައި ބާވައެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި އިޚުތިޔާރުކޮށްފައިވާ މަގަކީ ޝައިތާނާގެ ކެހިވެރި ދަޅަތައްކަމުގައިވާ ނަމަ އެދަރިންގެ ފަރާތުން އަޅުގަނޑުމެން ކުރާނެ ހެޔޮ އުއްމީދެއް އެބައޮތް ބާވައެވެ. ދުނިޔޭގެ ޙަޔާތުގައި ޞޯލިޙު ދަރިޔަކު ބަލާ ބޮޑު ނުކުރެވި ދުނިޔެވީ އެދުންތަކުގައި އެދަރިން އަމިއްލަ އަތްތަކުން އަލިފާނަށް އެއްލައިލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ.ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ދަރިންނަކީ އަމާނާތެކެވެ. އެ އަމާނާތާ މެދު ސުވާލު ކުރެވޭނެކަން ކަށަވަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!