ޚަބަރު

ކޮވިޑް-19: 10 މީހުންނަށްވުރެ ގިނައިން ކަރަންޓީނު ވާނަމަވެސް ކަރަންޓީނު ވާން ޖެހެނީ 10 ދުވަހަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިހަ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭ ގުރޫޕްތައް އެއްތަނެއްގައި އެކުގައި ކަރަންޓީނު ވާނަމަވެސް ކަރަންޓީނު ވާންޖެހޭ މުއްދަތު ދިހަ ދުވަހަށް ކުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ، ދިހަ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭ ގުރޫޕްތައް އެއްތަނެއްގައި އެކުގައި ކަރަންޓީނު ވާނަމަ އަމަލުކުރަންޖެހޭ އުސޫލަށް އިސްލާހު ގެނެސް އެކަން އިއުލާނު ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ކަރަންޓީނު ވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނައްސި ކަމުގައިވިޔަސް، ރަށަށް ދިއުމަށްފަހު ކަރަންޓީނުވުމުގެ އާއްމު އުސޫލާ އެއްގޮތަށް 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި 10 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރް ޓެސްޓުހަދާ ނަތީޖާ ނައްސިވުމުން ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

ނަމަވެސް ނަތީޖާ ފައްސި ވެއްޖެނަމަ އަމަލު ކުރާނީ ފައްސިވާ މީހުންނަށް ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއުސޫލުގައި ވާގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ފިޔަވާ ރާއްޖެއަށް އަންނަ ބިދޭސީންގެ ނައްސި ޕީސީއާރް ރިޒަލްޓެއް އޮންނަންޖެހޭއިރު، ޕީސީއާރް ޓެސްޓުގެ ސާމްޕަލް ނަގަންވާނީ، ރާއްޖެއައުމަށް ފުރާ ފުރަތަމަ ބަނދަރުން ފުރުމުގެ 96 ގަޑިއިރުގެ ތެރޭގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!