ޚަބަރު

އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރަން ނައިބު ރައީސް ގޮވާލައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

Ads by MWSC

އެމަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައެވެ.

‎މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން ވާހަކަ ދެކެވިފައި ވަނީ، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްގެ ގޮތުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، އެ މަރުކަޒުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުޞަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ.

‎މި މައްސަލައާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާކަމުގައެވެ. އެހެންކަމުން، މިއީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ހައްލު ބޭނުންވެފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާ، މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގައި ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!