ޚަބަރު

ފްލައިން ސްކޫލާ މެދު އަޅާނެ ފިޔަވަޅުތައް ބަންޑާރަ ނައިބު ސާފުކޮށްދެއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލާ މެދު، އެޅިދާނެ ޤާނޫނީ ފިޔަވަޅުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް، ބަންޑާރަ ނާއިބު ފޮނުއްވައިފިއެވެ.

Ads by STELCO

ފްލައިން ސްކޫލާ މެދު އެޅޭނެ ފިޔަވަޅުތައް ބަންޑާރަ ނާއިބު ސާފުކޮށްދެއްވާފައި މިވަނީ، އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުނުވެ ދިގުލައިގެން ދާތީ، ފިޔަވަޅުތަކެއް އެޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިފައި ވަނިކޮށެވެ.

ރައީސް ވަނީ ، ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ބީއެމްއެލްއިން ނަގައިފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ.

ފްލައިން ސުކޫލުގެ މައްސަލަ ބޮޑުވެ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އިތުރުވުމުގެ ސަބަބުން، އެ ސުކޫލުގެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިމަހު 11 ވަނަ ދުވަހު އަންގަވައިފައެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓިގެ ޤާނޫނާއި މަތީ ތަޢުލީމާ ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެޅިދާނެ ފިޔަވަޅުތައް މިހާރު ފާހަގަކޮށްފައި ވާނެކަމަށެވެ. އަދި އައްޑޫގައި ހިންގާ ފްލައިންގ ސްކޫލުގެ މައްސަލައިގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މެއި 30ގައި ލަފަޔަކަށް އެދުމުން، އޭގެ ޖަވާބު ރޭ ފޮނުވާފައިވާކަމަށް ވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!