ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިމަހުގެ ނިޔަލަށް ފައިނަލް ކުރަނީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބުދީ، މިމަހުގެ ނިޔަލަށް ލިސްޓުތައް ފައިނަލް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެލުލަވާލާފައިވާ ކޮމެޓީން މިއަދު ބުނެފިއެވެ.
އެކޮމިޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ ރައީސް ތޯހާ މުހައްމަދު ވިދާޅުވީ ސިވިލް ސާވިސް ކެޓަގަރީއަށް ފޯމުލީ ފަރާތްތަކުގެ ފޯމުތައް ދިރާސާކޮށް ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މީގެ ކުރިން އިއުލާންކުރި ވަގުތީ ލިސްޓުތަކާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
"އުއްމީދު ކުރަނީ މި ހުރިހާ ޝަކުވާ ތަކަކާ ގުޅިގެން ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާތަކަށް ޖަވާބުދީ، ޑިސެމްބަރު މަހުގެ ނިޔަލަށް ދާއިމީ ލިސްޓު ފައިނަލް ކުރެވޭތޯ މި މަސައްކަތް ކުރަނީ،" އެބައްދަލުވުމުގައި ތޯހާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކޮމިޓީގެ ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީގެ ވަގުތީ ލިސްޓު އަންނަ ހަފްތާގެ ތެރޭ އާންމު ކުރެވޭތޯ ކޮމިޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.