އެއިރު އަހަރެން މުހިންމެވެ. މިއަދު އަހަރެން ބާކީ ވެއްޖެއެވެ.
"އަހަންނަކީ އާއިލާއާއެކު އުޅުނަސް، އެކަނި އުޅޭ މީހެކެވެ. ބުރަކޮށް އުޅޭ މީހެކެވެ. އެކަންޏޭ މިބުނީ ފަހަކަށް އައިސް އެއްވެސް މީހަކާ އަހަރެން އެހާ ވާހަކާ ދައްކާ ނޫޅެތީއެވެ. އަބަދުވެސް އުޅެން ބޭނުންވީ ބުރަކޮށެވެ. ގޭތެރޭގެ މަސައްކަތަށްފަހު ވަޒީފާގެ މަސައްކަތެވެ. ރޭގަނޑު ވިޔަސް މަސައްކަތް ކުރުން ހުއްޓާލާ ހިތެއް ނުވެއެވެ.
އަހަރެން މިހާރު މަސައްކަތް ކުރަނީ މާގިނައިންކަން އާއިލާ ވެސް ފާހަގަ ކުރެއެވެ. އެހެން ނޫޅުމަށާއި، ބްރޭކެއް ނަގާ، އެކުވެރިންނާ ބައްދަލުކޮށްލާ، އެމީހުންނާއެކު ވަގުތު ހޭދަ ކުރުމުގެ ޚިޔާލު އާއިލާއިން މަދުން ނަމަވެސް ދިނެވެ. އެކުވެރިންނާއެކު އުޅުމުން ހިތްހަމަ ޖެހޭނެ ކަމަށް ބުންޏެވެ.
ނަމަވެސް... އެކުވެރިންތޯއެވެ؟ އެއީ ކޮންބައެއް ކަމެއް މިހާރަކު އަހަރެން ނުދަންނަމެވެ. އެންމެ ފަހުން އޭގެން މީހަކު އަހަރެންގެ ހާލު ބަލާލި ދުވަހެއް، އިސްވެ ބައްދަލު ކުރަން ބުނި ދުވަހެއް، ބޭނުމަކު ޖެހިގެން ނޫނީ އިސްވެ އަނގައިން ބުނި ދުވަހެއް، އަހަރެންގެ ހަނދާނަކަށް ނާދެއެވެ. ވީއިރު، ކޮން "އެކުވެރިންނެއް" ހެއްޔެވެ؟
އަހަރެންގެ ހުރިހާ ވެސް އުފަލަކީ އަހަރެން ކުރާ މަސައްކަތެވެ. މުސާރައަށް ބައި ލާރި ލިބުނަސް ހެވެވެ. މަސައްކަތުގައި ބުރަކޮށް އުޅުމުން އަހަންނަށް ފިކުރު ތަކާއި ދުރުގައި ހުރެވެއެވެ. ނުވަތަ ފިކުރުތައް އަހަންނާ ދުރުގައި ހުރެއެވެ.
އަހަރެން ކުރާ ފިކުރުތައް ނުވަތަ ހިތާމަތައް ދޯއެވެ. ދިރިއުޅުމުގައި ތަފާތު އެތައް ކަމެއް ދިމާވިއެވެ. ޖިންސީ ގޯނާ އާއި، ލޯބިވާ މީހަކު މިދުނިޔެއަށް އަލްވަދާއު ކިޔުމުގެ ހިތާމައާއި، މައިންބަފައިންގެ ފަރާތުން ތަފާތު ކުރުމުގެ ހިތާމަވެރި އިޙުސާސާއި އަލަތު ކައިވެނި ރޫޅުމާއި ދެވަނަ އަށް ކައިވެނި ކުރަން އުޅުނު މީހާ ބޭވަފާތެރިވުން އެލިސްޓުގައި ހިމެނެއެވެ. މީގެން ކޮންމެ ހިތާމައަކަށް ވެސް އަހަރެން ކެތް ކުރީމެވެ. ކޮންމެ ހިތާމައަކުން އަރައިގަތުމަށް ވަގުތު ވެސް ނެގިއެވެ.
އެހިތާމަތަކަށް އަަހަރެން އަރައިގަނެ ވަރުގަދަ މީހަކަށް ވީމެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް އަހަންނަށް މިވަނީ ހިތާމަ ކުރަން ޖެހިފައެވެ. އެންމެ ކުރަން ބޭނުން ނުވި ކަންތައް ކަމުގައިވާ މީހެއްދެކެ ލޯވިވުމުގެ ކުށް އަހަންނަށް ކުރެވުނީތީއެވެ.
އަހަންނާއި އޭނައާ އެއިރު ދިރިއުޅުމުގެ ކިތަންމެ ކަމަކާ ވާހަކަ ދައްކާ ހިއްސާ ކުރީމެވެ. ކަންކަމަށް ޚިޔާލާ މަޝްވަރާ ހޯދީމެވެ. އަދި އޭނާ ވެސް އެފަދައިން ކަންތައް ކުރިއެވެ. ލޯބިވާ ވާހަކަ ވެސް ބުންޏެވެ. ނަމަވެސް މަޖުބޫރީ ހާލަތުގެ ސަބަބުން އަހަރުމެންނަށް އެއްކޮށް ގުޅެވޭކަށް ނެތެވެ.
އަހަންނަށް އެކަން ވިސްނުނެވެ. އެފަދައިން އޭނާ ނުލިބުނަސް އެކުވެރިއެއްގެ ގޮތުގައި ލިބުނީތީ އުފާވިއެވެ. އަހަންނަކީ ގާތް މީހެއް ކަމަށާއި އޭނާ އަށް މުހިންމު މީހެއް ކަމަށް ވެސް ބުންޏެވެ. އަހަންނާ ގުޅުން ކެނޑުން ވާނީ އޭނައަށް ލިބޭ ބޮޑު އަދަބަކަށް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެއަދަބު ތަޙައްމަލު ކުރަން ޖެހުނީ އަހަންނަށް އެކަންޏެވެ. ކުރިން އެވަރަށް ވާހަކަ ދެއްކި އެކުވެރިޔާ ވެސް ގެއްލި ދިޔައީ އެވެ. އަހަރެން ވާހަކަ ދައްކަން ފެށުމުން އަޅާ ވެސް ނުލާން ފެށީއެވެ. ޖަވާބެއް ދިނުން ވެސް ހުއްޓާލީއެވެ. ދުރުވަމުން ދުރުވަމުން ގޮސް ދުރުވެ ގެއްލުނީއެވެ.
ބުރަކޮށް އަހަރެން މަސައްކަތް ކުރަނީ މިހެންވެއެވެ. އެޚިޔާލުތަކުން ދުރަށް ދާށެވެ. އެކަންކަމާ ނުވިސްނާށެވެ. އެއީ ކަމެއް ކުރަން ނެތިފައި އިނުމުން އަހަރެން އެޚިޔާލުތަކުގައި ޣަރަގުވެ އަބަދުމެ ރޮވޭތީއެވެ."