ހަންގަނޑު ރީތި ކުރަން ބޭނުންތަ؟ ގިނައިން ފެންބޯން އާދަ ކުރޭ!
ރީތި ހަންގަނޑެއް ލިބުމަކީ ހަމަ ކޮންމެ މީހަކު ވެސް އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. ހަންގަނޑު ކުރަކިވެ، ބިހި ނަގާ، ލަކުނު ހުރެ، މުސްކުޅި ވެސް ނުވަނީސް ރޫޖެހިފައި ހުންނަން ބޭނުންވާނީ ކާކު ހެއްޔެވެ؟ އެފަދައިން ބޭނުންވާނެ އެކަކު ވެސް ނުހުންނާނެއެވެ. އަދި މިކަމުގައި އަންހެނެއް ފިރިހެނެއް އިސްތިސްނާ ވެގެނެއް ނުވެއެވެ.
ހަންގަނޑު ރީތި ކުރުމަށް އެކި މީހުން އެކި ކަންތައްތައް ކުރެއެވެ. އެގޮތުން އެއް ބަޔަކު ޕާލަރުތަކަށް ގޮސް މިކަމުގައި ފައިސާ ހުސްކުރާއިރު، އަނެއް ބަޔަކު ގޭގައި ތިބެގެން ޔޫޓިއުބް ވިޔަސް ބަލައިގެން، އަމިއްލައަށް އެކިއެކި "ޓްރީޓްމަންޓް" ތަކާއި ފޭޝަލްތައް ހަދައެވެ. ދެން ތިބި މީހުން ބޮޑަށް ސަމާލުކަން ދެނީ ކެއުމަށެވެ.
ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް މިއާ އެއްވަރަށް ސަމާލުކަން ދޭންވީ އެހެން ބޮޑު ކަމެއް ވެސް އެބައޮތެވެ. އެއީ ގިނައިން ފެން ބުއިމަށެވެ.
ފެން ބުއިމުން ލިބޭ ފައިދާތައް އެނގޭ ހެއްޔެވެ؟ ބޮޑެތިވެފައި ތިބި މީހުންގެ ހަށިގަނޑުގެ 60 % ގައި ފެން އެކުލެވިގެންވެއެވެ. ހަމައެއާއެކު ހަށިގަނޑުގައި ދައުރުވަމުންދާ ލޭގެ 90% އަކީ ވެސް ފެން ކަމުގައި ސިއްޙީ ރިޕޯޓުތަކުން ބުނެފައިވެއެވެ. އެހެންކަމުން ފެން ގިނައިން ބުއިމަކީ ތިމާގެ ހަށިގަނޑަށް ވަރަށް ފައިދާ ކުރާނެ ކަމެކެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނެފައި ވަނީ ގިނައިން ފެންބުއިމަކީ މޫނުގައި ބިހިނެގުން ހުއްޓުވުމަށް ވެސް ޙައްލެއް ކަމަށެވެ. އެއީ ގިނައިން ފެން ބުއިމުން ލޭ ސާފުވާތީ ކަމަށް އެމީހުން ބުނެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ހަންގަނޑު އަލިވެ، ބިހި ނެގުން ހުއްޓި، ހަންގަނޑު ތާޒާކަން މަތީ ހުރެއެވެ.
މީގެ އިތުރުން ގިނައިން ފެން ބުއިމުގެ ސަބަބުން، މޫނުމަތީގައި ހުންނަ ރޫތައް ވެސް ފިލާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއްވެސް މީހެއްގެ އުމުރެއް އެކަކަށް ވެސް ނުހުއްޓުވޭނެއެވެ. ނަމަވެސް ގިނައިން ފެން ބޯނަމަ، އުމުރުން ދުވަސް ނުވަނީހެން، މުސްކުޅިކޮށް ފެންނަ ފެނުން ދުރުކޮށްދެއެވެ.