ޚަބަރު

ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް އަމުރު ކުރައްވާފައިވާ އަޅުކަމެއް: ޙުޠުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނަމާދަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ނަމާދަކީ ދީނުގެ ތަނބެވެ. އެ ނަމާދު އަޅައިފި މީހާ ދީން މުގުރާލައިިފިކަމަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޡް ކުރައްވާފައި ވެއެވެ. އަޅުގަނޑުމެންނަށް ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެއްވޭނީ ވެސް ނަމާދާ ބެހޭ ގޮތުންނެވެ. ނަމާދު އޭގެ ވަގުތުގައި އަދާކޮށް އުޅޭ މީހަކީ ބާއްޖަވެރި މީހެއްކަން ގައިމެވެ.

Ads by STELCO

މިއަދުގެ ހުކުރުު ހުތުބާގެ މައުޟޫއު އަކީ "ނަމާދަކީ ދީނުގެ ތަނބު" މިއެވެ.

ޝަހާދަތުގެ ދެކަލިމައަށް ފަހު އަދާކުރަން ޖެހޭ އެންމެ މުހިއްމު ވާޖިބަކީ، ފަރުޟު ފަސް ނަމާދު އެ ނަމާދު ތަކުގެ ވަގުތުގައި އަދާކުރުން ކަން ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ނަމާދުތަކަށް ރައްކާތެރިވެއްޖެ ނަމަ އަމާންކަމުގެ ބައްރަކަށް ވާސިލު ވެވުނީ ކަމަށާއި ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ލިބުނީ ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ނަމާދަކީ ދީނުގެ ތަނބު ކަމަށާއި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނޭ އަމަލު ކަމުގައި ވެސް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް އަމުރު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި ދަތުރުވެރިޔާގެ މައްޗަށާއި ބަލިމަޑުކަމުގައި ވާ މީހާގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައި ވާ އަޅުކަމެއް ކަމުގައި ހުތުބާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"ކިތަންމެ ބަލި ބޮޑު ވިޔަސް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އެއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ދޫކޮށްލައެވެ. ބައެއް މީހުންނަށް ނަމާދުކުރުުން ވަނީ އުފުލަން ވެފައިވާ ބޮޑު ބުރައަކަށެވެ. ބައެެއް މީހުން ނަމާދު ދޫކޮށްލަނީ ބަލި ފަސޭހަ ވުމުން ނަމާދުތައް ގަޟާ ކުރުމުގެ ނިޔަތުގައެވެ. އެބަލީގައި މަރުވެއްޖެ ނަމަ އެއީ އޭނާއަށް ލިބުނު އުޒުރެއް ކަމުގައި ދެކިގެންނެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ." ހުތުބާގައި އިތުރަށް ފާހަގަ ކޮށްފައިވެއެވެ.

ހަމަ އެހެންމެ ޝައިތާނާ މުސްލިމުން ނަމާދާ ދުުރުކުރުވުމަށްޓަކައި ވަރަށް ގިނަ ހީލަތްތަކާއި މަކަރު ހަދައި ދުނިޔެ ރަންކޮށް ދައްކާ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ޝައިތާނާއަށް ވެގެންވާނަމަ ހުރިހާ މުސްލިމުން ނަމާދާ ދުރުކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ހުތުބާގައި ބަޔާން ކޮށްފައި ވެއެވެ.

މިއަދު މިސްކިތްތައް ވަރަށް ގިނަ ކަމަށާއި ބާޒާރުމަތީގައްޔާއި ކުޅިވަރު ދަނޑުތައް ކައިރީގައްޔާއި އަތިރިމައްޗާއި ކައިރި ހިސާބުތަކުގައި މިސްކިތްތައް އެބަހުރި ކަމަށާއި މަގުތައް ވަނީ ހިނގާބިނގާވެ އުޅޭ މީހުންނަށް މިސްކިތަށް ދިއުމަށް އަމާން ވެފައި ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. އަދި ނަމާދު ވަގުތުތަކުގައި ޓީވީ ތަކާއި ރޭޑިއޯތަކުން ބަންގި ގޮވައި ނަމާދު ކުރުމަށް ހަނދާން ކޮށްދޭ ކަމުގައި ވެސް ހުތުބާގައި ވަނީ ބަޔާން ކޮށްފައެވެ. ނަމަވެސް އެކިކަންކަމުގައި މަޝްއޫލުވެ ނަމާދު އަޅާ މީހުން މަދު ނޫން ކަމުގައި ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!