ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް، ކުނި ނެރޭ ގަޑި ރޭގަނޑަށް ބަދަލު ކުރަނީ
މަގުމަތީގައި ގިނަ ވަގުތު ކުނި ބަހައްޓާފައި ހުންނަ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ގޭބިސީތަކުން ކުނި ނެރުން ރޭގަނޑު 10:00 އިން 12:00 އާއި ދެމެދުގެ ވަގުތަކަށް ބަދަލު ކުރަން ނިންމައިފިއެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވެމްކޯ އިން މިހާރު މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނަގަމުން ގެންދަނީ މެންދުރު 12:00 އިން 2:00 އަށެވެ. ނަމަވެސް ކުނި ބަހައްޓަން ޖެހެނީ ތިރިއަށް ބާލުވާފައި، މަގުމަތީގައި ނުވަތަ ކުނި އަޅަން ވެމްކޯއިން އެވަގުތާ ދިމާކޮށް ގެނެސްފައިވާ ކޮންޓެއިނަރުގައެވެ.
ގޭގެއިން މަގުމައްޗަށް ކުނި ކޮތަޅުތައް ގެނެސްފައި ބެހެއްޓި ކަމުގައި ވިޔަސް، ކުނި ނެގުމުގައި ގިނައިރު ތަކެއްވާ ކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.
މިކަމާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް މާލެސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކުނި ކޮތަޅުތައް މަގުމަތީގައި މުޅި ދުވަހު ގިނަވެފައި އޮންނަ އޮތުން ބަދަލުކޮށް، ފަތިސް ވަގުތަށް މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލާއި ވެމްކޯ ތައްޔާރުވެފައިވާ ކަމަށެވެ.
ކުނިކޮތަޅުތައް މަގުމަތީގައި ގިނައިރު ބަހައްޓާފައި ހުރުމުން، މަގުމަތީގައި އުޅޭ ބުޅާތައް އެކޮތަޅުތައް ފަޅާލާ، ހާވައިގެން އޭގައި ހުރި ކުނިކައި އެއްބައިކުނި މަގަށް އަޅާ، އެކަމާހެދި މަގުތައް ހަޑިވަމުން އަންނަ ކަމަށް ބުނެ ވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބުޅަލުގެ އުނދަގޫ ބޮޑުވެ މަގުތައް އިތުރަށް ހަޑިވެ ނުބައިވަސް ދުވުން ނޫންކަމެއް ނުވާނެ.