މާސްކު އެޅުމުގެ އަސްލު ބޭނުން އެނގޭތަ؟
ކޮވިޑު-19 ގެ މި ބިރުވެރި ދުވަސްވަރުގައި މީޑިއާތަކުގެ ޒަރިއްޔާއިންނާއި އެހެނިހެން ގޮތްގޮތުން ވެސް އާންމުންނަށް އަންގައިދެމުން އެދަނީ ކޮވިޑުން ރައްކާތެރި ވުމަށެވެ، އެގޮތުން މިހާރު އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި ވެސް މާސްކު އެޅުން މިވަނީ މަޖުބޫރު ކޮށްފައެވެ. އެހެން ނަމަވެސް ސުވާލަކީ މާސްކު އެޅުމުން ކޮވިޑުން ރައްކާތެރިވީތޯއެވެ؟
ސުވާލުގެ ޖަވާބަކީ ނޫނެކެވެ. އެމެރިކާގެ ވައިޓު ހައުސްގެ ޓާސްކްފޯސްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޞިއްހީ މާހިރު އެންތަނީ ފައުސީ ބުނެފައި ވަނީ މާސްކު އެޅުމުން ކޮވިޑު ނުޖެހެނީއޭ ގިނަ ބަޔަކު ހީކުރާ ކަމީ އެއީ ކުށްހީއެއް ކަމަށެވެ. މާސްކު އެޅުމުން ވެސް މީހާގެ އަނގައިން ނިކުންނަ ވައި ނުވަތަ "މޮލިކިއުލްސް" މާސްކުން ބޭރަށް ނިކުންނާނެ ކަމަށް ފައުސީ ބުނެފައި ވެއެވެ.
މިކަން ވަނީ ޢިލްމުވެރިން ވެސް ދިރާސާ ކޮށްގެން ހޯދައިފައެވެ. އާންމު އިންސާނެއް ކިނބިއްސެއް އަޅާލުމުން ނުވަތަ ކެއްސާލުމުން އަނގައިން އެ ނިކުންނަ ވައި އެންމެ ކުޑަވެގެން 50 ސެންޓިމީޓަރަށް ދަތުރުކުރާ ކަމަށް އެ ބޭފުޅުންގެ ދިރާސާއިން އެނގިގެން ދެއެވެ. އަދި މާސްކު އެޅުމުން އެވައި ދަތުރު ކުރާ 50 ސެންޓިމީޓަރު ކުޑަވަނީ ކަމަށާއި އެއްކޮށް ބަންދު ވަނީ ނޫންކަމަށް ވެސް އެބޭފުޅުން ވަނީ ހާމަ ކުރައްވާފައެވެ.
އެހެންނަމަވެސް އެން-95 ނަމަކަށް ކިޔާ މާސްކުން ވައި ބޭރުވާ މިންވަރު 95 އިންސައްތަ ކުޑަކޮށްދޭ ކަމަށް ވާއިރު ބޮޑަށް ސިއްހީ މާހިރުން ވެސް އިލްތިމާސް ކުރަނީ އެން-95 މާސްކު އެޅުމަށެވެ. އަދި ބޭރުފުށުން މީހާ ކިތަންމެ ވަރުގަދަވެފައި އެއްވެސް އަލާމާތެއް ފެންނަން ނެތް ނަމަވެސް، މާސްކު ނާޅާ އުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޞިއްހީ މާހިރުން ބުނެއެވެ.
ހަމައެކަނި މާސްކު އަޅައިގެން މި ބަލިން ރައްކާތެރި ނުވެވޭނެ ކަމަށް އެބޭފުޅުން ބުނަމުން އެދަނީ، އެއީ ގައި ދުރުކަން ބަހައްޓާ، ގިނަގިނައިން ސައިބޯނިން އަތްދޮވެ އަދި މާސްކު އަޅައިގެން އުޅުމަކީ މިބަލިން ރައްކާތެރިވެވިދާނެ ކަމެއްކަން އެބޭފުޅުންނަށް ސާބިތުވެފައި ވާތީއެވެ. އެހެންކަމުން މާސްކު އެޅުމަކީ އަދި ހަމަ އެކަނި އެބަލިން ރައްކާތެރި ވެވުނީ ކަމަށް ހީނުކުރާށެވެ. އެއީ އެބަލިން ރައްކާތެރި ވުމަށްޓަކައި ކުރެވޭ ކަންތަކުގެ ގާތްގަނޑަކަށް 25 އިންސައްތައެވެ. ފަރުދީ ޒިންމާ އަދާކޮށް ތިމާއާއި ތިމާގެ އާއިލާ އެންމެން މިބަލިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމާތޯއެވެ.