ހަގީގީ ހާދިސާ ދީން

އެތީސްޓެއް މުސްލިމަކަށްވީ، ހިތުގައި އުފެދުނު ސުވާލުތަކަށް ޤުރްއާނުން ފުރިހަމަ ޖަވާބު ލިބުމުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހަ ކަމާއެކު އެ ނިއުމަތް ލިބޭއިރު އަނެއް ބަޔަކަށް އެ ނިއުމަތް ލިބެނީ އެތައް މަސައްކަތެެއްގެ ތެރެއިންނެވެ.

Ads by Sosun Fihaara

މި ވާހަކައަކީ ޙަައްގު ދީން ހޯދުމަށް މަސައްކަތް ކުރި އެތީސްޓަކަށް ހިދާޔަތް ލިބުނު ގޮތުގެ ވާހަކައެވެ.

"އައްސަލާމް ޢަލައިކުމް،

އަހަންނަކީ ކްރިސްޓިއަނެއްގެ ގޮތުގައި ބޮޑުވި ނަމަވެސް އުމުރުން 18 އަހަރުގައި އޭތީސްޓަކަށްވީ ޒުވާން ފިރިހެނެކެވެ. އޭތީސްޓަކަށް އަހަރެންވީ ވަކި ސަބަބަކާ ހެދިއެއް ނޫނެވެ. ކަލާނގެއެއް ކޮންމެހެން ހުންނަންޖެހޭނެ ކަމަށް އަހަންނަށް ނުފެނުނީއެވެ. އަދި ކަލާނގެއެއް ވާކަމުގެ ހެއްކެއް ވެސް ނުފެނުނީއެވެ.

ނަމަވެސް އޭގެ އަަހަރެއްހައި ދުވަސްފަހުން، ކަލާނގެއެއް ހުރިކަމުގެ ހެއްކެއް ފެނޭތޯ އަހަރެން މަސައްކަތް ފެށީމެވެ. ޚާއްސަކޮށް ޢީސާ އަލައިޙިއްސަލާމްއަކީ ކަލާނގެތޯ އޮޅުން ފިލުވަން މަސައްކަތް ކުރީމެވެ. ނަަމަވެސް އަހަރެންގެ ހިތަށް އެވަރުގެ އަސަރެއް ކުރުވަނިވި ހެއްކެއް ނުފެނުމުން، އަނެއްކާ ވެސް އެމަސައްކަތް ހުއްޓާލީމެވެ.

އަނެއްކާ ވެސް އޭގެ އަހަރެއްހައި ދުވަސް ފަހުން، އަހަރެންގެ އުމުރުން 20 އަހަރުގައި ކަންކަމާ މެދު އަހަރެން ވިސްނަން ފެށީމެވެ. ކަލާނގެއެއް ނުވާކަމަށް ނިންމައިގެން ހުރިކަމުގައި ވިޔަސް އުޑާއި ބިމާއި، ކަނޑާއި ފަރުތައް އަދި ދުނިޔެއާއި ޖައްވުގައި ވާހާ ތަކެއްޗެއް ވެސް ހެއްދެވި ފަރާތެއް ވާނެކަމަށް އަަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންކަމުން އަހަރެން އަނެއްކާ ވެސް ޖަވާބު ހޯދޭތޯ މަސައްކަތް ކުރީމެވެ.

އެގޮތުން އެންމެ ފުރަތަމަ ބެލީ މި ކަންކަމާ ބެހޭގޮތުން އެތީސްޓުން ދައްކާފައިހުރި ވާހަކަތަކެވެ. އެމީހުންގެ ބަހުސްތައް އޮންލައިންކޮށް އަޑުއެހުމަށް ފަހު އަހަންނަށް ވިސްނުނީ އެތީސްޓެއްގެ ގޮތުގައި ހުރެ އެމީހުންގެ ވާހަކަތަކުން އެއްވެސް މައްސަލައެއް އަހަންނަށް ނުފެނިދާނެ ކަމަށެވެ. އެހެންކަމުން އަހަރެން ނިންމީ އެހެން ދީންތަކުގެ މައުލޫމާތު ހޯދާށެވެ.

ކްރިސްޓިއަން ދީނާ ބެހޭގޮތުން މައުލޫމާތު ހޯދަން ފެށުމުން އިވުނީ ކުރިން ވެސް އެނގިފައި ހުރި ޤަބޫލު ނުކުރެވޭ ވާހަކަތަކެވެ. ޢީސާގެފާނަކީ ކަލާނގެ ކަމަށެވެ. ނަމަވެސް ޢީސާގެފާނު ވެސް ހައްދަވާނީ ކޮންމެ ވެސް ފަރާތަކުންކަން ވިސްނުނެވެ. އެމީހުންގެ ބައިބަލް ވެސް އެއް ވޮލިއުމް އަނެއް ވޮލިއުމްއާ ތަފާތެވެ.

ހިންދޫ ދީނުގައި ކަލާނގެތައް މާގިނައެވެ. ކޮންމެ ކަމަކަށް ކޮންމެ ގުނަވަނަކަށް ކަލާނގެއެއް ހުރި ފަދައެވެ. އެހެންކަމުން އެ ދީނެއް ވެސް ޤަބޫލެއް ނުކުރެވުނެވެ.

ދެން އަހަންނަށް އެނގުނީ، ދުވަހަކު ވެސް އެއްވެސް އުނި އިތުރުކުރުމެއް ނުވާ ފޮތެއް މުސްލިމުން ގެންގުޅޭކަމެވެ. އެއީ ކީރިތި ޤުރްއާނެވެ. އެހެންކަމުން އިސްލާމްދީނާ ބެހޭގޮތުން މައުލޫމާތު ހޯދަން އަހަރެން ބޭނުންވިއެވެ.

އެންމެ ފުރަތަމަވެސް އަހަރެން އެނގެން ބޭނުންވީ ޤުރްއާނާ ބެހޭ ގޮތުންނެވެ. އެ ގޮތުން ތަރުޖަމާއާއެކު ޤުރްއާން ކިޔަވަން އަހަރެން ފެށީމެވެ. އަދި އިސާހިތަކު އަހަރެން ހޯދަމުންދިޔަ ހުރިހާ ސުވާލެއްގެ ޖަވާބު ވެސް ލިބުނެވެ. އަހަންނަށް ވިސްނުނު ގޮތުގައި ކަމެއްގެ ހަގީގަތް އެމީހަކަށް ފެންނާނީ އެމީހެއްގެ ސިކުނޑި ވެސް އަސްލު ހަގީގަތް ހޯދަން މަސައްކަތްކޮށް ތައްޔާރު ވުމުންނެވެ.

އެތީސްޓުން ޤަބޫލުކުރާ ގޮތުގައި ކަލާނގެއެއް ވާނަމަ ދުނިޔޭގައި ނުބައި ކަމެއް ވެސް ނުވާނެއެވެ. ނަމަވެސް ނުބައި ކަންކަން ކުރަން ވަސްވާސް ދެނީ ޝައިޠާނާ ކަމަށާއި ކަމެއްގެ ރަނގަޅުގޮތް ސިކުނޑިއަށް ވިސްނައިދެނީ ވެސް އަޅުކަން ކުރުން ޙައްޤު ވެގެންވާ އިލާހުކަމަށް އަހަންނަށް ޤަބޫލު ކުރެވުނެވެ.

ކީރިތި ޤުރްޢާނުގައި އައިސްފައި ވަނީ މާތް ﷲ ގެ ވަޙީ ބަސްފުޅުކަމަށް އަހަންނަށް ޤަބޫލު ކުރެވުނެވެ. އަދި އެފޮތުގައިވާހާ ހުރިހާ ވާހަކަތަކެއް ވެސް ޤަބޫލު ކުރެވުނެވެ.

އެއްވެސް ލަސް ކުރުމެއް ނެތި އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔާ، މުސްލިމަކު ކަމުގައިވީމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!