ދުބާއީ ކުންފުނިން އިތުރު ފަސް ވެންޓިލޭޓަރު ފޮނުވައިފި
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ރާއްޖެއަށް ފޮނުވަން ޖެހޭ 65 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެއަށް ފޮނުވައިފިއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މި ފަސް ވެންޓިލޭޓަރު ރާއްޖެއަށް ގެނެސްފައިވަނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގް މެދުވެރިކޮށް ކަމަށެވެ.
މިވެންޓިލޭޓަރު ތަކާއި ހަވާލުވުމަށް އޭޑީކޭ ޓްރޭޑިންގ އިން މެއިލްކުރި ކަމަށް ވެސް ތަސްލީމާ ވިދާޅުވެފައިވެއެވެ. އަދި ވެންޓިލޭޓަރުތައް ޗެކް ކުރުމަށް ހެލްތު މިިނިސްޓްރީން މިއަދު ދާނެ ކަމަށް ވެސް ތަސްލީމާ ވިދާޅުވެފައިވެއެވެ.
މިފަސް ވެންޓިލޭޓަރު އޭޑީކޭ ޓްރޭޑިން މެދުވެރިކޮށް ގެނެސްފައި ވަނީ، އެކުންފުންޏަކީ ޑްރެގާ ބްރޭންޑުގެ އޮތޮރައިޒް ޑިޒްޓްރިބިއުޓާ ވާތީ ކަމަށް ވެސް ތަސްލީމާ ވިދާޅުވިއެވެ.
މީގެއިތުރުން ތަސްލީމާ ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތަކާ ހަވާލު ވުމަށްފަހު ވެންޓިލޭޓަރުތައް ފޮނުވާނެ ވަކި ތަނެއް ކަނޑައަޅާނީ ވެންޓިލޭޓަރު ބޭނުންވާ، މަދުވާ އަދި ބޭނުން ވަރަށް ވެންޓިލޭޓަރު ހުރި ތަންތަން ކަނޑައެޅުމަށް އެސެސްމަންޓުތަކެއް ހެދުމަށްފަހު ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ގެންނަން ހަވާލު ކޮށްފައިވަނީ 75 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހު 10 ވެންޓިލޭޓަރު ވަނީ ގެނެސްފައެވެ. މިއަދު ގެނައި ފަސް ވެންޓިލޭޓަރަކީ އެއިރު ބާކީވާ 65 ވެންޓިލޭޓަރުގެ ތެރެެއިން ގެނައި ވެންޓިލޭޓަރު ތަކެކެވެ. އެހެންކަމުން ބާކީ 60 ވެންޓިލޭޓަރު އަދި ރާއްޖެއަށް ލިބެން ޖެހެއެވެ.
ތަސްލީމާ ވިދާޅުވީ، ބާކީ ގެންނަންޖެހޭ 60 ވެންޓިލޭޓަރު ގެނެވޭނެ ދުވަހެއް ނުވަތަ ޓައިމްލައިނެއް އަދި އެނގިފައެއް ނުވެއެވެ.