ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް. މުނީރު އޭ. ސަފިލްޑިން، ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔުނިސެފްއިން ކުރި އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވާ، އެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި ޔުނިސެފް ގުޅިގެން ކޮށްފައިވާ އެކި މަސައްކަތްތަކާ ގުޅޭގޮތުން ޑޮކްޓަރ އެމް. މުނީރު އޭ. ސަފިލްޑިން ރައީސްއާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޑޮކްޓަރ މުނީރު ސަފިލްޑިންގެ އިސް ނެންގެވުމުގެ މަތިން ކޮށްފައިވާ މަސައްކަތްތައްް ފާހަގަކުރައްވާ ކަމަށެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށް ވިދާޅުވެ ރައީސް ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން އެ ކުދިންނަށް ހޯދައިދީފައިވާ ޙައްޤުތަކުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ މުނީރު ސަފިލްޑިން ވަނީ ކޯވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކަށައަޅާފައިވާ ސިޔާސަތުތަކަށް އިޝާރާތް ކުރައްވާ، މި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުންތަކަށް ތަޢުރީފު ކުރައްވާފައެވެ.
މީގެ އިތުރުން ސަރުކާރާ ގުޅިގެން، މަދަރުސާތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުމަށް ކުރި މަސައްކަތް ފާހަގަ ކުރެއްވިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ދެ ބިލަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނުވައިދިން ދެ ބިލު ކަމުގައެވެ.