ކޮވިޑް ފެތުރެން ފެށި އަސްލު ސަބަބު ހޯދުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ވުހާން އަށް
ކޮވިޑް ފެތުރެން ފެށި ސަބަބު ހޯދުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް ވުހާން އަށް ދަތުރުކުރުމަށް ނިންމައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން ޗައިނާގެ ވުހާން އަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. ކޮވިޑް ފެތުރެން ފެށި ސަބަބު ހޯދުމަށް ވުހާންގައި ކުރާ ތަހުގީގު އެއްކޮށް ނިންމުމަށް 5 މަސްދުވަސް ބޭނުންވާނެކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް އެންމެ ފުރަތަމަ ފެނިފައިވާކަމަށް ބެލެވިފައި ވަނީ ޗައިނާގެ ވުހާން ސިޓީގެ މާރުކޭޓަކުންނެވެ. ޗައިނާގެ ވުހާން އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައެވެ.
ކޮވިޑް-19 ވޫހާން އިން ފުރަތަމަ ފެނުމާއި އެކު ޗައިނާގެ ސައިންސްވެރިން ވަނީ ވޫހާން އާއި ވޫހާން ހިމެނޭ ހުބެއީ ޕްރޮވިންސް ފުރަބަންދު ކޮށްފައެވެ. އޭރު އަދި ކޮވިޑް-19 ފެތުރެމުންދާ ގޮތް ވެސް ސައިންސްވެރިންނަށް މުޅިން ކަށަވަރެއް ނުވެއެވެ.
ވުހާން ގައި ކުރަން ހަމަޖެހިފައިވާ ތަހުގީގުގެ އެންމެ މުހިންމު ބޭނުމަކީ ކޮވިޑް ފެތުރެން މެދުވެރި ވި ސަބަބު ދެނެގަތުމުގެ އިތުރުން މުސަތަގުބަލުގައި މިފަދަ ބަލިމަޑުކަމެއްގެ ނުރައްކަލުން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންކަން ކުރުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ޑަބްލިއުއެޗްއޯއިން މިހާރު ކުރަމުން އަންނަނީ މި ޓީމު ޗައިނާ އަށް އެތެރެވުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށް އޮފިޝަލުން ބުނެއެވެ.