ސައުދީގައި ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށައިފި
ސައުދީ އަރަބިއާގައި ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށައިފިއެވެ.
ސައުދީއަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު ލިބިފައިވަނީ ބުދަ ދުވަހުއެވެ. އަދި ހުއްދަ ލިބުމާއެކު މިއަދު ވަނީ ވެކްސިން ޖަހަން ފަށާފައެވެ.
ވެކްސިން ޖަހަން ފަށާފައިވާއިރު، ސައުދީ ސަރުކާރުން ވަނީ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލާފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަރުހަލާތައް ބަހާފައިވަނީ އާންމުންގެ އުމުރާއި ބަރުދަނާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ޙާލަތާއި ގިނަ ދުވަހަށް ފަރުވާ ކުރަން ޖެހޭ ފަދަ ބަލިތަކަށް ބޭސްކުރާ މީހުންގެ މައްޗަށްކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެގޮތުން މޯބައިލް އެޕްލިކޭޝަން، ސިއްހަތީ މެދުވެރިކޮށް އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ވެކްސިންޖަހަން ރަޖިސްޓްރީވެވޭ އިރު، ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރަތަމަ ގަޑިއިރުގެ ތެރޭގައި 100،000 އަށްވުރެ ގިނަ މީހުން ވަނީ ރެޖިސްޓްރީވެފައެވެ.
ސައުދީގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ރައްޔިތުންނަށް ދޭން ފަށާފައިވާ ފައިޒާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށާއި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ހުރިހާ ތަހުލީލުތަކުން ފާސްވެފައިވާކަމަށެވެ. އަދި ކޯވިޑް ޖެހުމުން ރައްކާތެރިކޮށްދިނުމުގެ ބާރު އެ ވެކްސިންގައި ހުރިކަމަށް އެ ވުޒާރާއިން ބުންޏެވެ.
ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއްކަމަށް އެންމެ ފަހުގެ ޓެސްޓުތަކުން ދައްކައެވެ. ރިޕޯޓްތައް ބުނާ ގޮތުން ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައިވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަ ވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.