ޚަބަރު

އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައި ވަނީ ﷲގެ ނިޔާއަށް ނުރުހުމާއި އިމްތިހާނުތަކަށް ކެތްތެރިނުވުން: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްތަކުންގެ ފުރާނަ ރައްކާތެރިކުރުމަށްވެސް އިސްލާމްދީނުގައި ފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ،މިގޮތުން، މީހެއްގެ ފުރާނައަށް ގެއްލުމެއްވެދާނެ އެންމެހާ ކަންތައްތައް ކުރުމާއި،އެފަދަ އެއްވެސް ކަމަކަށް މަގު ފަހި ވެދާނޭ ކަމެއް ކުރުން ވެސް ޝަރުޢުގައި ވަނީ މަނާ ކުރެވިގެންނެވެ.އަދި މިކަންތައްތައް ބޮޑުވެގެންވާ ފާފަކަމުގައި ވަނީ ކަނޑައެޅިފައެވެ.ނަފުސު ރައްކާތެރިކުރުމަށްޓަކައި ޝަރުޢުގައި ކަނޑަ އެޅިގެންވާ ކަންތައްތަކެއްވެއެވެ.އެގޮތުން ނަފްސަށް ގެއްލުންދިނުން ވަނީ ހަރާމް ކުރައްވާފައެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ "އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާ ނުލާށެވެ." މިއެވެ.

Ads by MWSC

އިންސާނާ ހެއްދެވީއްސުރެ، ﷲ ތައާލާ ވަނީ އެ އިންސާނާ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އިންސާނާ ޚަލްގު ކުރެއްވުމާއެކު، މަލާއިކަތުންނަށް އެ އިންސާނާއަށް ސަޖިދަ ކުރުމަށް އަމުރު ކުރެއްވި ކަމުގައި ވެސް ބަޔާން ކޮށްފައިވެއެވެ.

އިންސާނާ ދުނިޔޭގައި ލެއްވުމަށްފަހު އޭނާއަށް ޓަކައި ދުނިޔޭގައިވާހާ އެއްޗެއް ލެއްވި ކަމަށާއި ބިމުގައި ޚަލީފާއެއްގެ ގޮތުގައި އިންސާނާ ލެއްވި ކަަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އިންސާނާ މާތްކުރައްވާފައި ވާތީ އެއްވެސް މީހެއްގެ މޫނުމަތީގައި ޖެހުން އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. ހަމަ އެހެންމެ ހައްގަކާ ނުލައި އެއްވެސް މީހަކަށް އުނދަގޫ ކުރުން ވެސް ނަހީ ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އެންމެ ބޮޑު ވަބާ އަކީ އަމިއްލަ އަށް މަރުވުމުގެ ވަބާ ކަމުގައި ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. އަދި އެއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި ހުތުބާގައި ވަނީ ސިފަކޮށްފައެވެ.

"ލޮބުވެތި މުސްލިމް އަހުންނޭވެ. އަމިއްލައަށް މަރުވުމުގެ ހުރި ނުރައްކާތެރިކަން ބަޔާން ކޮށްދެއްވުމަށް ޓަކައި، ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމް އެފަދަ މީހުންގެ ޖަނާޒާގައި ބައިވެރިވެވަޑައ ނުގަންނަވާ ކަމުގައި ހަދީޡްތަކުން ވާރިދުވެގެން އައިސްފައިވެއެވެ." ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

އަމިއްލައަށް މަރުވުމަށް ދިމާވާ ކަމަށް ބުނާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ނަފްސާނީ ބަލިކަމާއި އަނެއް ސަބަބަކީ ފިލްމުތަކާއި ކާޓޫނުތައް ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެތަކެތީގައި ދައްކާ މަންޒަރުގެ ސަބަބުން އެކަމަށް ޝައުގު އުފެދޭ ކަމަށް ވެސް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ އިސްލާމީ ރިވެތި އުސޫލްތަކުން ބޭރުވެ ޖިހާދުގެ ނަމުގައި ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވުމަށް އޮތް ހަމައެކަނި ސަބަބުކަމުގައި ބުނެ ވިސްނައިދީ، ބަޔަކު އެކަމަށް ހިތްވަރުދެމުން ގެންދިއުމަކީ ވެސް އަމިއްލައަށް މަރުވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

ހަގީގަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބަކީ ، ﷲގެ ނިޔާފުޅަށް ނުރުހުމާއި ﷲ އިންސާނާ އިމްތިހާނު ކުރައްވަން ޖައްސަވާ އިމްތިހާނުތަކަށް ކެތްތެރިނުވުން ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.  ﷲގެ ނިޔާއަށް ރުހުމަކީ އީމާންކަމުގެ ރުކުނެއް ކަމަށް ވެސް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

ކަންތައްތަކާ ކެރިގެން ކުރިމަތިލުމަށް އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ ކަމަށާއި ނަބިއްޔާ އަޅުގަނޑުމެންގެ އުންމަތް ތަރުބިއްޔަތު ކުރައްވާފައިވަނީ ހިތްވަރުގަދަ، ކެރޭ، ކުޅަދާނަ ﷲގެ ނިޔާފުޅަށް ރުހި ގަބޫލުވެގެންވާ ބައެއްގެ ގޮތުގައި ވުމަށް ކަމުގައި ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!