ދުނިޔެ

ކޮވިޑް-19: އިނގިރޭސިވިލާތުގައި ބަލިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ ހޮސްޕިޓަލުގެ އެނދުތައް ފުރެނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެ، ހޮސްޕިޓަލުތައް ފުރިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުގައި އެންއެޗްއެސްގެ އެނދުތައް ފުރުމުގެ ސަބަބުން ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ގިނަ އޮޕަރޭޝަންތައް ވެސް ކެންސަލް ކުރުމަށް ވަނީ މަޖުބޫރު ވެފައެވެ.

އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ވެސް ބަލި މީހުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް 44 ފަހަރަށް ބަދަލު ކުރުމަށް އެންބިއުލޭންސްތަކަށް އަންގާފައިވެއެވެ. މިއީ މިދިޔަ 4 އަހަރާ ބަލާއިރު މި އަދަދު މިހާ އިތުރުވި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު އެކަނި ވެސް އެގައުމުގެ 35 ހާހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެއީ މިހާތަނަށް އެއް ދުވަސްތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަސްކަން ފާހަގަ ކޮށްލެވެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ބަލި މީހުންގެ އަދަދުވެސް ވަނީ 18 ހާހަށް ވުރެ މަތިވެފައެވެ. މިއީ މިދިޔަ ހަފްތާ އާ ބަލާއިރު 3000 ގެ އިތުރުވުމެކެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިނގިރޭސިވިލާތުގެ ހޮސްޕިޓަލުތަކުގައި ކޮވިޑް-19 ޖެހިގެން 16000 މީހުން ވަނީ އެޑްމިޓްކޮށްފައެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރުގައި އެގައުމަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް އެރި ފަހުން ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެންމެ ގިނަ މީހުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!