ޚަބަރު

މި ސަރުކާރުން މަޖިލީހަށް ފޮނުވި ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫހު: ޝިޔާމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫހުކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިޔާމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް ފާސްކުރި އިންތިޤާލީ އަދާލަތުގެ ބިލް ތަސްދީޤު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓުގައެވެ.

އެގޮތުން އޭނާ ވިދާޅުވީ މި ބިލް ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަކަމެއް ކަމަށެވެ.

“މި ސަރުކާރުން މަޖިލީހަށް ފޮނުވި %45 ބިލު ޤާނޫނު އަސާސީއާ ތަޢާރަޒުވޭ. އަދި ގިނަ ބިލްތަކުގައި ވަނީ ބަދަލު ހިފުމުގެ ރޫހު. އިންތިޤާލީ އަދާލަތުގެ ބިލް ތަސްދީޤު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެއް. ފިތުނަ ފަސާދަ އުފެދި އިޖުތިމާއީ ހަމަޖެހުން ގެއްލިގެންދާނެ ބިލެއް.” ޝިޔާމް ގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރައްވައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސް ވަނީ އުފައްދަވާފައެވެ.

މި ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

މި ގާނޫނަކީ، 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމަށް އުފެއްދި ގާނޫނެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!