ރައީސް ޔާމީނު ޖަލަށް ލީ ދުވަހު އެކަމާ ވީދެރައިން ރޮވުނު: ނަޝީދު
ރައީސް ޔާމީނު ޖަލަށް ލީ ދުވަހު އެކަމާ ވަރަށް ހިތާމަ ކުރި ކަމަށާއި ވީދެރައިން ރޮވެން ވެސް ރޮވުނު ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލެވިފައި ވަނީ މިހާތަނަށް ރާއްޖޭގައި ހިނގައި ދިޔަ އެންމެ ބޮޑު ހިޔާނަތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގައެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީނު ޖަލުގައި އޮތުމަކީ އެމަނިކުފާނު އެދޭ ގޮތެއް ނޫން ކަމަށާއި ޔާމީނު ޖަލަށް ލެވުނު ދުވަހު އެކަމާ ވީދެރައިން ކީރިތި ވެސް ކުރެވުނު ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވާގޮތުގައި، ރައީސް ޔާމީނު ހައްޔަރު ކުރީ އެމަނިކުފާނު ހައްޔަރު ކުރުމުން އެކަމުގެ ބަދަލު ހިއްޕެވުމަށް ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެގޮތަށް އެވާހަކަތައް ދެކެވޭތީ އެކަމާ އެމަނިކުފާނު ލަދު ގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު އެގޮތަށް ވިދާޅުނުވާ ކަމަށާއި، އެމަނިކުފާނު އެހެން ވިދާޅުވުމުގެ ކުރިން އަދި ފަހުން ވިދާޅުވި އެއްޗަކަށް ނުބައްލަވާ ނޫސްތަކުން އެމަނިކުފާނު ވިދާޅުވި އެއްޗެއްގެ މާނަ އޮޅުވާލީ ކަމަށް ތުހުމަތު ކުރެވޭ ގޮތަކަށް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ.
ނަޝީދު ވިދާޅުވީ ވެރިން ހައްޔަރު ކުރުމުގެ ސަގާފަތް ހުއްޓުވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބުނު ކަމަށާއި އަދި އެކަން ހުއްޓުވުމަށް އެމަނިކުފާނު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ރައީސް ޔާމީނު ކުރެއްވި ނަމަ މިއަދު އެކަން ފެންނަން އޮންނާނީ ވަރަށް ތަފާތުކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީނަށް ދަންނަވަން އޮތް ވާހަކައަކީ ދެން ވެސް ގައުމުގައި ވެރިކަން ކުރާނީ އެމްޑީޕީން ކަމަށާއި، ކަން ކުރާނީ ވެސް “ހަމަ ރަނގަޅަށް” ކަމުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލުމުން އޭރުގެ ސަރުކާރު އެކަމާ ވަރަށް އުފާކުރި ކަމަށާއި، އެކަމުގެ އުފަލުގައި ހަވާ ވެސް އަރުވަން އުޅުނު ކަމަށެވެ.