ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއްނޫން: އަދުރޭ

ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ ސަރުކާރާއެކު "ޑީލެއް" ހަދައިގެން ޖަލުން ސަލާމަތްވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ނުވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މިނިވަންވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެ ފުރުޞަތު ބޭނުން ނުކުރެއްވި ކަމަށެވެ. ރައީސް ނަޝީދު ޖަލަށް ލުމުން މިނިވަން ވާން ފުރުސަތު ލިބުމުން އެފުރުސަތުގެ ބޭނުން ހިތްޕެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
”ކަންކަމާ ކުރިމަތި ލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުންނާނެ.އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެގެންދާނެ.“ އަދުރޭގެ ޓްވީޓުގައި ވިދާޅުވިއެވެ.