އަންނަ އަހަރު ރަށްރަށުގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދޭނަން: ރައީސް ޞާލިޙު
ކުރިއަށް އޮތް އަހަރު ތެރޭގައި ރަށްރަށުގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް 40 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއިން ދެއްކި "ކާމިޔާބު 40" ޓީވީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން އަސާސީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ގަބޫލު ކުރެވޭތީ 2021 ވަނަ އަހަރު ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތްކަމުގައި ފާހަގަ ކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކަމުގައެވެ.
"ސަރުކާރުގެ އެއް ވިސްނުމަކީ، އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުން، މިކަމުގެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް އެމްޓީސީސީއާ އެކުގައި ފެށުމަށް ތައްޔާރުވަމުންދޭ" ރައީސް ޞާލިޙު ވިދާޅުވިއެވެ.