ސަން ކުންފުންޏާ ދެކޮޅަށް ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން "ސަން" އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ ދައުވާގެ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ދައުލަތުގެ ފަރާތުން ހުށަހަޅައިފިއެވެ.
އެކުންފުނީގެ މައްޗަށް ދައުވާ ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާކުރި ކަމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. އެހެން ނަމަވެސް އެކުންފުނިން ވަނީ އެތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ހެކިންގެ ލިސްޓުގައި އަދީބާއި ޒިޔަތު ގެ ނަން ވެސް ހިމެނެއެވެ.
ސަން ކުންފުނިން ވަނީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް އެކުންފުންޏަށް ދެއްވާފައެވެ.
ފުއްގިރި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ. އެގޮތުން މިހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަކީލް އަލީ އަބްދުއްލަތީފް ވިދާޅުވީ ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.