ވިޔަފާރި

5ޖީ ގެ ޚިދުމަތް އުރީދޫ އިން ތަޢާރަފް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި 5ޖީ ގެ ޚިދުމަތް އުރީދޫ މޯލްޑިވްސް އިިން ތަޢާރަފް ކޮށްފިއެވެ.

Ads by MWSC

މިޚިދުމަތް އުރީދޫ ގެ ފަރާތުން ރަސްމީކޮށް ތަޢާރަފް ކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު އެވެ.

އުދީދޫގެ 5ޖީ ހިދުމަތަކީ ރާއްޖޭގައި ކޮމާޝަލީ ބޭނުން ކުރެވޭގޮތަށް ތައާރަފު ކުރި ފުރަތަމަ 5ޖީ ހިދުމަތެވެ.

މިއަދު ތަޢާރަފްކުރި މިޚިދުމަތާއެކު އިންޓަނެޓް އަދި ސެލިޔުލާ ހިދުމަތް މިހާރަށްވުރެ ފަސޭހަ ކަމާއި، އަވަސްކަމާއެކު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ޚިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީ ނަޖީބްހާން ވިދާޅުވީ ފެތުރިފައިވާ ކޮވިޑް19ގެ ހާލަތާއެކު އޮންލައިންކޮށް ހޯދާ ހިދުމަތްތައް ގިނަވި ކަމަށާއި އިންޓަނެޓް ބޭނުންކުރާ މިންވަރު ވެސް އިތުރުވެފައިވާ ކަމަށެވެ.

"އުރީދޫ އިން މަސައްކަތް ކުރާނީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށް  ދިނުމަށް.  5ޖީގެ ހިދުމަތަކީ 4ޖީ އަށްވުރެ 10 ގުނަ އަވަސް ޓެކްނޮލަޖީއެއް. 5ޖީ އާއެކު އަހަރެމެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ،" ނަޖީބް ހާން ވިދާޅުވިއެވެ.

ނަޖީބު ޚާން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު މި ހިދުމަތް ލިބޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މި ހިދުމަތް ލިބޭނެ އިތުރު ޑިވައިސްތައް ވެސް އުރީދޫ އިން ތައާރަފު ކުރާނެ ކަމަށެވެ.

މިއަދު ބޭއްވި މިރަސްމިއްޔާތުގައި އުރީދޫ އިން ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑްބޭންޑު ހިދުމަތް ވެސް ތައާރަފު ކޮށްފައެވެ. އެޚިދުމަތް ތަޢާރަފް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!