ސައުދީގެ ބޯޑަރުތައް އަނެއްކާވެސް ބަންދުކޮށްފި
ސައުދީގެ ބޯޑަރތައް އަނެއްކާ ވެސް ބަންދު ކޮށްފިއެވެ. ސައުދީން އެ ޤައުމުގެ ބޯޑަރުތައް އަލުން ބަންދުކޮށްފައި މިވަނީ ޔޫރަފުގައި ކޯވިޑްގެ އައު ވައިރަހެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސައުދީ ސަރުކާރުން ބުނީ މި ނިންމުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުމްރާއަށް ހުޅުވާލާފައިވާ ފުރުސަތު ވެސް މި މުއްދަތުގެ ތެރޭގައި ބަންދުވާނެ ކަމަށެވެ. އަދި އެ ޤައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރެއް ވެސް މިއަދުން ފެށިގެން ދެ ހަފްތާއަށް އަނެއްކާ ވެސް ބަންދު ކޮށްފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ކޯވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެނި އެޤައުމު ވަނީ އަނެއްކާ ވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެ ގައުމުން ވަނީ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުން ދާ ކަމަށް ބުނެފައެވެ.
ސައުދީ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅާއެކު އެޤައުމަށް މިމަހުގެ 8 ވަނަދުވަހުގެ ފަހުން ޔޫރަޕުން އެތެރެވި އެންމެން ދެ ހަފްތާއަށް އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ދެ ހަފްތާ ފަހުން ޓެސްޓު ކުރާނެ ކަމަށް ވެސް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.
މިދިޔަ ހަފްތާގައި ސައުދީ އިން ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބުމާ އެކު ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.