އެދެނީ ރައީސް ޞާލިހާ ބައްދަލުކުރަން: އިހުތިޖާޖު ކުރި މަސްވެރިން
މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށް ގޮވާލާ މަސްވެރިންތަކެއް ފެލިވަރު ގައި އިހުތިޖާޖު ކޮށްފިއެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ގޮވާލަމުން އިހުތިޖާޖު ކުރި މަސްވެރިން ބުނަމުން ދިޔައީ އެމީހުން އެދެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރެއްވުމަށް ކަމަށެވެ.
ފެލިވަރު ބަނދަރުގައި ކުރި އެ އިހުތިޖާޖުގައި މަސްވެރިން ބުނަމުން ދިޔައީ މަސްވެރިން އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެދަތިތައް ޙައްލު ކޮށްދިނުމަށް އެދި ރައީސް ޞާލިޙާ ބައްދަލު ކުރައްވަން ބޭނުންވާ ކަމަށެވެ.
"މި ސަރުކާރު ގެނައީ އަހަރެމެންގެ ވެސް މަސައްކަތުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް އަހަރެމެންނާ ބައްދަލުކުރެވެން ޖެހޭނެ. އަހަރެމެންގެ އެންމެ ބޮޑު ޑިމާންޑަކީ އެއީ. މިފްކޯއަކީ ނަމެއް ނޫން. އެއީ އަހަރެމެންގެ ހިތާ ގުޅިފައިވާ ނަމެއް. މިއަދު މި ވިއްސާރައިގައި އަހަރެމެން މި އިހުތިޖާޖު ކުރަނީ ހައްޤު ހޯދަން. މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލާނަން". މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގައި ގޮވާލާފައިވެއެވެ.
އެއިހުތިޖާޖުގައި ބައިވެރިވި ކެޔޮޅަކު އޮންލައިން ނޫސް "މަސްވެރި އޮންލައިން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވޭތޯ ވަރަށް ދުވަހު ކެތްކޮށްފި ކަމަށާއި، މަސްވެރިން އިހުތިޖާޖަށް ނިކުންނަށް ޖެހުނީ ކަންކަން ގޯހުން ގޯހަށް ދިއުމުން ކަމަށެވެ.
މިއަދުގެ މި އިހުތިޖާޖުގައި މައިގަނޑުގޮތެއްގައި އަޑުއުފުލާނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސް ގަންނަން ތަރައްޤީ ކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް ވެސް ކެޔޮޅު ބުންޏެވެ.
ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރި މަސްވެރިން ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.