ކޮވިޑް-19 އެންމެ ފަހުން އެންޓާޓިކާ އަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެންޓާޓިކާ އިން ބަޔަކު ފައްސި ވެއްޖެއެވެ. މިއީ އެންޓާޓިކާ އިން ކޮވިޑަށް ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.
އެންޓާޓިކާގައި ހުންނަ ޗިލެއަން ރިސާޗް ބޭސް އިން 36 މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ. ފައްސި ވެފައިވާ އެންމެންވެސް އެކަހެރިކޮށް މިހާރު ވަނީ އައިސޮލޭޝަން އަށް ބަދަލުކޮށްފައެވެ. އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް ބޭރުގެ ނޫހަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ކޮވިޑަށް ފައްސި ވި މީހުންގެ ކޮންޓެކްޓް ޓްރޭސިން މިހާރު ދަނީ ކުރަމުންނެވެ. ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އެންޓާޓިކާއިން ނޮވެމްބަރު 27 ވަނަޔަށް ވީ ދުވަހު ސަޕްލައި ހިފައިގެން ބޯޓެއް އައިސްފައިވެއެވެ. ޕޮޒިޓިވް ވެފައިވާ މީހުންނަކީ ސަޕްލައި އުފުލުމުގައި އުޅެފައިވާ މީހުން ތަކެކެވެ.
އެ ބޯޓުގެ މީހުން ބުނާގޮތުން އެންޓާޓިކާއަށް ދަތުރު ފަށާފައިވަނީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ. އަދި ބޯޓުން ދަތުރުކުރި އެންމެން ވެސް ކޮވިޑަށް ޓެސްޓުކޮށް ނައްސި ނަތީޖާ ލިބުމަށްފަހު ކަމަށެވެ. ކޮންޓެކްޓް ޓްރޭސިން ހަދައި ފައްސި ވެފައިވަނީ ކޮންތަނަކުންތޯ ޔަގީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހޯމަ ދުވަހު އެންޓާންޓިކާއިން ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެނިގެން ދިޔަ އިރު އެންޓާޓިކާ އަކީ މީގެ ކުރިން ދުނިޔެއިން ވެސް ކޮވިޑް ފެނިފައި ނުވާ ހަމައެކަނި ހިސާބެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މިހާތަނަށް 77 މިލިޔަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސި ވެފައި ވެއެވެ. އަދި މަރުވި މީހުންގެ އަދަދު 1.7 މިލިޔަންއަށް އަރައެވެ.