އީސީން އުޅެނީ ބަހަނާ ދައްކައިގެން އިންތިހާބު ނުބާއްވަން: އަދުރޭ
އިލެކްޝަންސް ކޮމިޝަން (އިީސީ) އިން އުޅެނީ އެކި އެކި ބަހަނާތައް ދައްކައިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބާއްވަން ކަމަށާއި އެއީ ސަރުކާރުން ބޭނުންވެގެން ކުރާ ކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލު ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުުން އަދުރޭ ވިދާޅުވީ މިއަދު ބޭއްވި އިންތިޚާބާ ގުޅޭގޮތުން ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި، އިންތިޚާބު ބޭއްވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ.
"އެހެންވީމަ އޭގެން އެބައެނގޭ މި އިންތިޚާބު އަވަސް ތާރިޚެއްގައި ނުބޭއްވޭނެ ކަން. އެބޭފުޅުން ވިދާޅުވިކަމަށް ވަނީ ފަހަރެއްގައި ރޯދައިގެ ފަހަށް ވެސް އިންތިޚާބު ލަސްކުރަން ޖެހިދާނެއޭ. އެހެންވީމަ މި އިންތިޚާބު މިހެން ފަސްކުރަމުން ފަސްކުރަމުން ގޮސް މި ސަރުކާރު އޮތްހާ ދުވަހަކު އިންތިޚާބު ނުބޭއްވޭ ގޮތް ވެސް ދިމާވެދާނެ،" އަދުރޭ ވިދާޅުވެފައިވެއެވެ.
އީސީ ގެ ރައީސް އަޙުމަދު ޝަރީފު ވިދާޅުވެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮއްވާ އިންތިހާބު ބޭއްވުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.