ޚަބަރު

ކޮވިޑް-19: އިނގިރޭސިވިލާތުގައި ފެތުރެމުންދާ އައު ވައްތަރާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަދުރޭ ގޮވާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
Adhurey

އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ އައު ވައްތަރާ ގުޅިގެން ރާއްޖޭގައި ވެސް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލު ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

ކޮވިޑް-19 ވައިރަސް އަށް އައިސްފައިވާ ބަދަލާ އެކު މިއުޓޭޓެޑް ވައިރަސް މިހާރު މުޅި އިނގިރޭސިވިލާތަށް ވަނީ ފެތުރިފައެވެ. އެއާއެކު ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގެ ބޯޑަރުތައް އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް މިހާރު ވަނީ ބަންދު ކޮށްފައެވެ.

މިކަމާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑް-19ގެ މުޅިން އައު ވައްތަރެއް އިނގިރޭސި ވިލާތުން ފެނުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ އެ ގައުމަށް ދަތުރުކުރުމާއި އަދި އިނގިރޭސި ވިލާތުން އެ ގައުމުތަކަށް ދަތުރުކުރުން ހުއްޓަލާފައިވާ ކަމަށެވެ.

“ރާއްޖެއިން ވެސް މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލަން ” އަދުރޭ ވިދާޅުވިއެވެ.

 ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކީ އިނގިރޭސިވިލާތް ކަމަށްވެފައި، ރާއްޖެއިން މިކަމަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!