ޚަބަރު

މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ.ފިޔޯރީއާއި ކ.ހިންމަފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ ފިޔޯރީގައި ހިންގި އޮޕަރޭޝަނަކީ ފިޔޯރީން އެ އަތޮޅު ރަތަފަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފިޔޯރީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރު ކޮށްފައި ވަނީ ފިޔޯރީ ބަނދަރުމަތިން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ހިންމަފުށީގައި ހިންގި އޮޕަރޭޝަނަކީ ހިންމަފުށީ ފެކްޓްރީއެއްގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެފެކްޓްރީ ބަލައި ފާސްކުރިއިރު އެތަނުން 49 ދަޅު ބިޔަރު ފެނިފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން 56 އަހަރުގެ ލަންކާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!