ހެލްތަށް، އާ ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރެއް

މިނިސްޓްރީ އޮފް ހެލްތަށް އާ ސްޓޭޓް މިނިސްޓަރަކާއި ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފިއެވެ.
އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރައްވާފައި ވަނީ އަހުމަދު އާދިލް އެވެ. އަދި ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ މަރިޔަމް ޚާލިދާއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި އެ ދެ ބޭފުޅުން ހެލްތު މިނިސްޓްރީއަށް އައްޔަން ކުރެއްވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
މަރިޔަމް ޚާލިދާ އަކީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި އިސްމަގާމުތައް އަދާކުރައްވާފައިވާ ބޭކަނބަލެކެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކުލަވާލި އެޑްވައިޒަރީ ބޯޑުގެ ޗެއާކަން ވެސް އެކަމަނާ ކުރެއްވިއެވެ. މީގެއިތުރުން ޚާލިދާއަކީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މޫސާގެ އަނބިކަނބަލުންނެވެ.
އަހްމަދު އާދިލް މީގެ ކުރިން ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގައި ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައެވެ. ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކެއް ގެނައުމުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި އެ މިނިސްޓްރީގެ ސިޔާސީ ވެރިންތަކެއް ސަސްޕެންޝަނުގައި ތިއްބެވި ދުވަސްވަރުން ފެށިގެން އާދިލް ވަގުތީ ގޮތުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވިކަން ވަނީ އެނގިފައެވެ.