ޚަބަރު

ޝިޔާމަށް ދަޢުވާކޮށްފިނަމަ ދައުލަތުގެ ހައިބަތު ކުޑަވާނެ: އުމަރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ކުރީ ކުރެވިގެން ނުވާނެ ދައުވާއެއް ކަމަށާއި ދަޢުވާ ކޮށްފިނަމަ ދައުލަތުގެ ހައިބަތު ކުޑަވެގެންދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝިޔާމްގެ މައްޗަށް ކުރަނީ ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުން ދިޔަ ކަމަށް ބުނާ މައްސަލައިގެ ދަޢުވާއެވެ. މިހާރު މިމައްސަލައިގައި ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

އުމަރު ވިދާޅުވީ، ސިފައިންގޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން، ސިފައިންގޭގެ މަތީ މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުން ގެ ޢާއިލާ ތަކަށް ސިފައިންގޭގެ މިފަދަ ވަސީލަތްތައް ބޭނުން ކުރެއްވުމުގެ ހުއްދަ އޮންނަ ކަމަށެވެ. އަދި ސިފައިންގެ ޚިދުމަތަކީ ދައުލަތުގެ އެހެނިހެން ޚިދުމަތްތަކާ ތަފާތު އިނާޔަތްތަކަކާއި ރައްކާތެރިކަމެއް ލިބިގެންވާ ޚިދުމަތެއް ކަމަށާއި މިއީ މުޅި ދުނިޔޭގައި ވެސް މިކަން އޮންނަ އުސޫލު ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ، މި ފަދަ ކުދިކުދި ކަންކަމުގައި ޤައުމުގެ އެންމެ މަތީ ޚިދުމަތްތެރިންނަށް މިފަދަ ދަޢުވާ ކުރުމީ މުޅި ދައުލަތް ރޫޅި، ދައުލަތުގެ ހައިބަތު ކުޑަވާ ކަމެކެވެ.

އަދި ރައްޔިތުންގެ މަޖްލިސް ގެ ރައީސް، އެމަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މަޖްލިސް ގެ ބަޖެޓުން އަމިއްލަ ޚަރަދެއް ހަމަ ޖެއްސެވި ކަމަށް އޭ،ސީ،ސީއަށް ހުށަހެޅުނު މައްސަލަ ނިމުނީ ދަޢުވާ އެއް ކުރުމެއް ނެތި އެ ފައިސާ އަބުރާ ދެއްކުމަށް އަންގަވައިގެންކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ، މިއީ މިފަދަކަންކަން ނިންމަވަން ޖެހޭނެ ގޮތް ކަމަށެވެ. ނަމަވެސް ޖެނެރަލް ޝިޔާމްއާ މެދު މި ނިންމެވީ ދަޢުވާ ކުރުމަށް ފޮނުވަން ކަމަށާއި މިއީ ހަމަހަމަ ކަން ގެއްލިފައިވާ ބޭއިންސާފު، ސިޔާސީ ނިންމުމެއް ކަން ޔަގީން ކަމަށް އުމަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!