ޚަބަރު

ހަރާމް ތަކެތި އަނބިދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާ ކަމެއް: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރިޝްވަތު ދިނުމާއި ހިފުމަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި ވެސް ވަރަށް ބޮޑަށް އާންމު ވެފައިވާ ކަމެކެވެ. މީހުންނަށް ފައިސާ ދީގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމިއްލަ ފައިދާއަށް އެތައް ބަޔަކު އެތައް ކަމެއް މިއަދު ނިންމަމުން ދެއެވެ. އެހެން ނަމަވެސް ރިޝްވަތުގެ އަމަލަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކިހައި ނުބައި އަމަލެއްކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައި ވަނީ "ރިޝްވަތަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް" މި މައުޟޫއު އަށެވެ. އެގޮތުން ހުތުބާ ފަށަމުން ވެސް ބުނެފައި ވަނީ ރިޝްވަތަކީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ ވަބާ ކަމަށެވެ. އެއީ ވަރަށް ސިއްރު ގޮތަކަށް ކުރެވެމުން ދާ ކަމަކަށް ވާތީ ކަމަށާއި ވަރަށް ގިނަ މުޖުތަމައު ތަކެއްގައި ރިޝްވަތު އާންމުވެފައި ވާ ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ރިޝްވަތުގެ ސަބަބުން ތަނެއްގެ އަދުލު އިންސާފު ގެއްލި އެތައް ބަޔަކަށް ލިބެން ޖެހޭ ހައްގުތައް ނުލިބި އެތައް ބައެއްގެ ކަންތައްތައް ލަސްވާ ކަމަށާއި އަނެއްބައި މީހުންގެ ކަންތައްތައް އަވަހަށް ނިމިގެންދާ ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

“ކޮންމެ މީހަކު ވެސް އެމީހަކާ ހަވާލު ކުރެވިފައިވާ ކަމެއްގައި ތެދުވެރިވެ އަމާނާތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ލިބިގަތުމަށް ނުވަތަ ތިބާ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދިނުމެވެ’ އަދި މީގެ އިތުރުން ގަވައިދާ ހިލާފަށް ކަންކަން ނިންމުމަށް ދޭ ފައިސާ އާއި ތަކެއްޗާއި ކެއުމާއި ސައި އަދި މި ނޫން ވެސް މަންފާތައް ހައްގު ނޫން ފަރާތްތަކަށް ހޯދައިދިނުމެވެ.” ހުތުބާގައި އިތުރަށް ބުނެފައި ވެއެވެ.

ރިޝްވަތަކީ މާތްالله ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވީހިނދު އެކަމުގައި އުޅޭ އެންމެންގެ މައްޗަށް އެކަލާނގެ ލައުނަތް ހައްގުވެގެންވާ ކަމަށް ރަސޫލާ ބަޔާން ކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ރިޝްވަތު ހިފާ މީހުންނަކީ ހަރާމް މުދާ ކައި އުޅޭ މީހުން ކަމުގައި ގުރުއާނުގައި ސިފަ ކުރައްވާފައި ވެއެވެ. އެބައިމީހުންގެ އަނބިދަރިން ނަރަކައަަށް އެއްލައިލަނީ އަމިއްލަ އަތުން ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހި ވެގެންދާނެ ކަމެއް ކަމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

ރިޝްވަތުގެ ސަބަބުން މުޖުތަމައުގައި ބަދުއަޚްލާގީ އަމަލުތައް ގިނަވަގެންދާނެ ކަމަށް ވެސް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!